ads
ރައީސަށް ގާނޫނީ ލަފާދިނުމުގައި އިސްކުރާނީ ގައުމީ މަސްލަހަތު: އޭޖީ
ރައްޔިތުންގެ މަޖިލީހުން ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދިނުމުގައި އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅު ވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހާ ދިމާވާ ގޮތަށް ތާރީހު ކަނޑައެެޅުމުން އެކަން ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވައިލުމުން މަޖިލީހުން އެ ބިލު އިއްޔެ ދެވަނަ ފަހަރަށް ފާސްކުރި އެވެ. ބިލު ދެވަނަ ފަހަރަށް ފާސްކުރުމުން ތަސްދީގުކުރައްވަން ގާނޫނު އަސާސީ ލާޒިމު ކުރި ނަމަވެސް ރައީސް މިއަދު ވަނީ އެ ބިލުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދިވަޑައިގެންފަ އެވެ.

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފުކަމަށެވެ. އަދި މިއަދު ސުޕްރީމް ކޯޓުންވެސް އެފަދައިން ނިންމާފައިވާ ކަމަށެވެ.

"ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. އަޅުގަނޑު ރައީސަށް ގާނޫނީ ލަދާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންނެވި ނަމަވެސް, ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ. އަދި މިފަދަ ބިލެއް ތަސްދީގުކުރުން ލަސްކުރުން މަނާކުރާ ސުޕްރީމް ކޯޓުގެ ހުކުމެއްވެސް އެބަ އޮތެވެ.

މި އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގައި ކަމަށްވާއިރު، އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.

ރޯދަ މަހު އިންތިހާބު ނުބާއްވައި، އެ ތާރީހު ބަދަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް ޕީޖީ ލީޑަރު ޥާޏި ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް