ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ލާއިންސާނީ ޖަރީމާ އަށް ހުއްޓުމެއް ނެތި ކުރިއަށްދާ އިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް ފަލަސްތީނުގެ 150 މީހަކު ޝަހީދުކޮށްފައިވާ ކަމަށެވެ. އޮކްޓޫބަރުން ފެށިގެން ހިންގަމުންދާ އުދުވާނުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 70000އަށް ވަނީ އުފުލިފަ އެވެ.
އެ އަދަދަކީ އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ އަޑީގައި ވަޅުލެވިފައި ތިބި މީހުންނާއި ހޮސްޕިޓަލުތަކަށް ރިކޯޑު ނުކުރެވޭ މަރުތައް ނުހިމަނާ ގުނާ އަދަދަކަށް ވާތީ ގާޒާގައި ޝަހީދުވި މީހުންގެ އަސްލު އަދަދު އެއަށްވުރެ ވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށް އެ ސިޓީގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެ އެވެ.
ޔަހޫދީ އިޒްރޭލުގެ މި އަނިތާވެރި އުދުވާނާ ހެދި ފަލަސްތީނު މިހާރު އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. އެގޮތުން އެތައް ހާސް ބަޔަކު ކާނާ އަށް ޖެހި، ބަނޑަށް މަރުވުމުގެ ހާލަތަށް ގޮސްފައިވާ އިރު، ސިއްހީ ހިދުމަތް ފަދަ އަސާސީ އެތައް ހިދުމަތްތަކަކުން ފަލަސްތީނުގެ ރައްޔިތުން ވަނީ މަހުރޫމުވެފަ އެވެ.
ޔަހޫދީންގެ ރަޙުމެއް ނެތް އުދުވާނާ ގުޅިގެން ގާޒާގެ ރައްޔިތުން ވަނީ ބިކަވެފަ އެވެ. އެ ސަހަރުގެ 2.3 މީހުން ވަނީ ނިކަމެތިވެފަ އެވެ. އެ މީހުން ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ހަސްފަތާލުތައް ވަނީ ބަންދު ކުރަން މަޖުބޫރު ކުރުވާފަ އެވެ. ސިއްހީ ހިދުމަތްތައް ވަނީ ހުއްޓުމަކަށް ގެނުވާފަ އެވެ. ގާޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އަޅައި, ޔަހޫދީން ދަނީ ގާޒާގެ ކުޑަކުދިން ހައިހޫނު ކަމުގައި މަރަމުންނެވެ.
އެ ހަމަލާއާ ގުޅިގެން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ޔަހޫދީ އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ގާޒާގެ 80 އިންސައްތައަށް ވުރެ ގިނަ އިމާރާތްތައް އެއްކޮށް ސުންނާފަތި ކޮށްލާފައިވެ އެވެ.
ޔަހޫދީ އިޒުރޭލުގެ އުދުވާނާ ގުޅިގެން ގާޒާ އާބާދީގެ 85 ޕަސެންޓް ވަނީ ވިއްސިވިހާލިވެފަ އެވެ. އުމްރާނީ ތަރައްގީގެ 60 ޕަސެންޓް މުޅިން ސުންނާފަތިވެ ތަރައްގީ ވަނީ އަހަރުތަކެއް ފަހަތަށް ސޮހިފަ އެވެ.
ގާޒާއަށް އެހީ ހިފައިގެން ވަންނަ ލޮރީތަކަށް ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން، މިހާރުވެސް ވަރަަށް ހާލުގައި ޖެހިފައި އޮތް ގާޒާ ބަނޑަށް މަރުވަނީ އެވެ. ބޯފެނާއި ބޭސްފަރުވާގެ ހާލަތުވެސް އޮތީ ބިރުގަންނަ ވަރަށް ދަށުގަ އެވެ.
ހަނގުރާމަ ހުއްޓައިލުމަށް އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލި ގޮވައިލުންތަކަށް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ. ޔަހޫދީ އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް އެއްކޮށް ފުހެލުމަށް ފަހު ކަމަށެވެ. މި އަހަރުގެ ރޯދަ މަހާ ކުރިމަތިލާން ގާތްވަމުން އަންނަ އިރު ފަލަސްތީނުގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލެއްގަ އެވެ.