ads
ހއ. އިހަވަންދޫގައި ކުރިއަށްގެންދިޔަ "ޔަންގް ފިޝާސް ކްލަބް" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ދިރާގު
އިހަވަންދޫގައި ކުރިއަށްގެންދިޔަ "ޔަންގް ފިޝާސް ކްލަބް" ނިންމާލައިފި
ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ހއ. އިހަވަންދޫގައި ކުރިއަށްގެންދިޔަ "ޔަންގް ފިޝާސް ކްލަބް" ނިންމާލައިފި އެވެ.

އިހަވަންދޫ ސްކޫލްގެ 25 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 35 ދަރިވަރުން މި ޕްރޮގްރާމުން ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ އިހަވަންދޫ ސްކޫލްގަ އެވެ.

ޔަންގް ފިޝާސް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި، ކަނޑުގެ މާހައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތައާރަފްކޮށް އަސާސީ މައުލޫމާތު ފޯރުކޮށްދީ، އެއާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ވަނީ ދަސްކޮށްދީފަ އެވެ. މީގެ އިތުރުން ފެތުމާއި ސްނޯކްލިންގ އަދި އިސްނެގުމާއި އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށް ވެސް، ކަމުގެ މާހިރުންގެ އިރުޝާދުގެ ދަށުން މި ޕްރޮގްރާމްގައި އަލިއަޅުވާލާފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވީ، މި ހާސިލުކުރެވުނީ އެ ޖަމިއްޔާއިން ޒުވާނުން މަސްވެރިކަމުގެ ސިނާއަތައް ޝައުގުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަކީ މުސްތަގްބަލުގައި އިހަވަންދޫ ސްކޫލްގައި ހިންގާ ކްލަބްގެ ހަރަކާތްތަކުގައާއި އެހެނިހެން ސްކޫލްތަކުގައި ހިންގާ ޔަންގް ފިޝާސް ކްލަބްގެ ހަރަކާތްތަކުގައި ލީޑަރުންގެ ގޮތުގައި ފެނިގެން ދިއުމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ރަސްމިއްޔާތުގައި ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުالله ސާދިގު ވިދާޅުވީ، މި ޕްރޮގްރާމުން ދަސްވެނިވި 35 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ އަންހެން ކުދިންކަން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ. އަދި މިއީ މަސްވެރިކަން ފަދަ ދިވެހިރާއްޖޭގެ އަސާސީ ސިނާއަތެއްގައި ދެ މިންތީގެ ހަމަހަމަ ބައިވެރިވުމާއި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

ޔަންގް ފިޝާސް ކްލަބުގައި ބައިވެރިވި ދަރިވަރުން ވަނީ މި ޕްރޮގްރާމްގެ ސަބަބުން ބަޔޯޑައިވަރސިޓީއާއި، މަސްވެރިކަމާއި، މޫސުމާ ގުޅުންހުރި އަގުހުރި ހުނަރުތަކާއި، އެއްކޮށް މަސައްކަތް ކުރުމާއި އިސްނެގުން ފަދަ ހުނަރުތައް ދަސްކޮށްފަ އެވެ.

ދިރާގަކީ ކަނޑުތައް ހިމާޔަތްކުރުމާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް އަބަދުވެސް އެއްބާރުލުން ފެމުންދާ ކުންފުންޏެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް