ads
ރައީސް ޑރ. މުއިއްޒު އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ބަޖެޓު ފާސްކުރީ މަޝްރޫއުތަކަށް ބޭނުންވާ ވަރަށްވުރެ ފައިސާ މަދުކޮށް: ރައީސް
ރައްޔިތުންގެ މަޖިލިހުން މި އަހަރުގެ ބަޖެޓު ފާސްކުރީ މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ މަދުން ފައިސާ ހިމަނައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އަލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ވައުދުފުޅުވި ހުރިހާ މަޝްރޫއެއް ބަޖެޓުގައި ހިމަނަން ފޮނުއްވި ކަމަށެވެ. ނަމަވެސް މަޖިލިހުން ބަޖެޓު ފާސްކުރީ ބައެއް ފައިސާ އުނިކުރުމަށްފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ބަޖެޓުގައި ފައިސާ ހިމަނާފައި ހުރީ މަޝްރޫއުތަކަށް އަސްލު ހަރަދުވާނެ ވަރަށް ވުރެ މަދުން ކަމަށާއި، ހިނގަމުންދާ މަޝްރޫއުތައް ނިންމަން ބޭނުންވާ ފައިސާ ވެސް ފުރިހަމައަށް ހިމަނާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް މަގެއް ހަދަން ބަލާއިރުގަ މަގުގެ ދެބައިކުޅަ އެއްބައި ނިމިފަ، ބާކީ މަޝްރޫއު ނިންމަން 40 އަކަށް މިލިއަން ބޭނުންވާ ކަމަށް ވަންޏާ، ހިމަނާފަ އޮވެދާނެ 5 މިލިއަން ރުފިޔާ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ މީގެކުރިން ދުވަހަކުވެސް ރާއްޖޭގައި ބަޖެޓު ފާސްކުރި ގޮތެއް ނޫން ކަމުގަ އެވެ. އަދި ހާއްސަކޮށް، ހިނގަމުންދާ މަޝްރޫއުތައް އެއްކޮށް ނިންމޭ ވަަރަށް ފައިސާ ހިމަނަން ޖެހޭ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް މި އަހަރު ފަށަން ނިންމާފައިހުރި ހުރިހާ މަޝްރޫއެއް މި އަހަރުތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިވަގުތު ހުއްޓިފައި ނުވަތަ މަޑުޖެހިފައި ހުރި މަޝްރޫއުތަކުގެ ދުވެހި ހަލުވި ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި ހާލަތުން އަރައިގަނެ އިގްތިސޯދު ވަރުގަދަ ކުރާނެ ގޮތް މި ސަރުކާރަށް އެނގޭ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރައްވަމުންގެންދަވާ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް