ads
އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ދޫކުރުމަށް އާބަންކޯއިން ވަނީ ހުޅުވާލާފައި - ފޮޓޯ:އާބަންކޯ
ގަވާއިދާއި ހިލާފަށް ޕާކް ކުރާނަމަ ފިޔަވަޅު އަޅަން ނިންމައިފި
ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން ސްޓިކާ ޖަހައި ޖޫރިމަނާ ކުރަން ފަށާކަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާއި މަގުމަތީގައި އުޅަނދު ދުއްވާ މީހުން ހާއްސަކޮށް ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާ ކަމަށެވެ.

އެހެންވެ، ޕާކް ކުރުމަށް މާލެ އާއި ހުޅުމާލެ 1 އަދި 2 ގައި ކަނޑައަޅާފައިވާ ޒޯން ނޫން އެހެން ތަނެއްގައި ޕާކު ނުކުރުމަށް އަންގައި، އެ އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.

"މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް މަގުމަތި ހެދުމަށް މި ހިދުމަތުގެ ފަރާތުން މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މަގުމަތީގައި ހިނގާފައި އުޅޭ މީހުންނާއި ދުއްވާ މީހުންނާއި ހާއްސަކޮށް ޕަބްލިކް ޓްރާންސްޕޯޓް އަދި އެމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ގަވައިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާތީ މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި އާންމުން ޕާކް ކުރުމަށް ހަދާފައިވާ ޕާކިން ޒޯން ނޫން ތަނެއްގައި ޕާކް ނުކުރުމަށް އެދޭ ކަމަށެވެ.

"މި ހިދުމަތުގެ ފަރާތުން ހާއްސަ ސަމާލުކަމެއްދީގެން ބައެއް ތަންތަން ބެލެހެއްޓުމުގެ އިތުރުން މާލެ އަދި ހުޅުމާލެ ފޭސް 1 އަދި 2ގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކާއި މެދު 2024 މާރިޗް 7 ވަނަ ދުވަހުގެ ފަހުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) އަދި އެއްގައުމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ 14 ވަަނަ މާއްދާގެ (ށ)ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.". ފުލުހުން ބަޔާނުގައިވެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) ބުނެފައި ވަނީ އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށެވެ. އަދި އުޅަނދުފަހަރު، އެތަނަކުން ނަގައި، ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ ފަހުން މާލޭގެ މަގުތައް، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ޕާކިންގެ މައްސަލަ ވަނީ ބޮއްސުންލައިގެން ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް