ads
ފެނަކައިގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު
ފެނަކައިގެ ޖަރީމާތައް ބަލާނެކަމުގެ އިންޒާރު
ފެނަކަ ކޯޕަރޭޝަން ތެރޭގައި އޮތީ ނާޖައިޒު ބޮޑު ވިޔަފާރިއެއް އުފައްދާފައި ކަމަށާއި އެ މައްސަލަތައް އޭސީސީއަށް ފޮނުވަން ނިންމައިފައިވާ ކަމުގެ އިންޒާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ދެއްވައިފިއެވެ.

ފެނަކަ ކޯޕަރޭޝަން ތެރޭގައި އޮތީ އިންޖީނާއި ޖެންސެޓްތައް ގަތުމުގެ ނާޖައިޒު ބޮޑު ވިޔަފާރިއެއް އުފައްދާފައި ކަމަށާއި އެ މައްސަލަތައް ވަރަށް އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ނިންމައިފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއާޒު ވިދާޅުވީ ފެނަކައާ މި ސަރުކާރުން ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏަކާ އެކު ކަމަށާއި ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހޭދަކުރަންޖެހޭ ކަމަށެވެ. ފެނަކައިގައި 8،000 މުވައްޒަފުން ތިބި ކަމަށާއި ކުންފުނި އޮތީ ބަނގުރޫޓްވެފައި ކަމަށް ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ކުންފުނީގައި މިވަގުތު 502 ޖެންސެޓް ބޭނުން ކުރަމުން އަންނަ ކަމަށާއި އެ ޖެންސެޓް ތެރެއިން 302 ޖެންސެޓް މިވަގުތު ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.

މުއާޒު ވިދާޅުވީ ޖެންސެޓްތައް މަރާމާތު ކުރުމަށް 100 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް އޮތް އިރު، ފެނަކައިގެ އަމިއްލަ ސާވިސް ސެންޓަރެއްހާ ހިސާބު ވެސް ނެތް ކަމަށެވެ. ޓްރާންސްޕޯޓާއި ލޮޖިސްޓިކްގެ ނަމުގައި ވެސް ފެނަކައިން ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށާއި ކޮންމެ އަހަރަކު 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ. ނަމަވެސް ފެނަކައިގައި އަމިއްލަ ދޯންޏެއް، ލޭންޑިން ކްރާފްޓެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ފެނަކައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް އޭސީސީ އަށް ފޮނުވޭ މިންވަރަށް މިހާރު ވަނީ މައުލޫމާތުތައް އެއްކުރެވިފައި ކަމަށާއި ލަސްތަކެއް ނުވެ ހުރިހާ މައްސަލަތަކެއް ފޮނުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް