ads
ވަޒީރުން މަޖިލިސް
އިގުތިސާދީ ފިޔަވަޅުތަކާއެކު ޑޮލަރުގެ ރޭޓު ތިރިވާން ފަށައިފި: ރައީސް
ފައިސާ ޗާޕްކުރުން ހުއްޓާލުމުން އޭގެ ރަނގަޅު އަސަރެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ނުވަތަ ބްލެކް މާކެޓް ތިރިވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން އެޅި ފިޔަޅުތަކުގެ ތެރޭގައި ހިމެނޭ ފައިސާ ޗާޕް ކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވާހަކަ ދެއްކެވީ މެދު ރާއްޖެތެރޭ ރަށްރަށަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އެކިއެކި ކުންފުނިތަކަށް ދައުލަތުން ދައްކަން ޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އެހެންވެ އެ ދަރަނިތަކާއި ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ރާއްޖޭން ފައިސާ ޗާޕު ކުރުން ހުއްޓާލާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާނުލި ނަމަ، ދިވެހިރާއްޖެ ބަނގުރޫޓުވެ، ޑޮލަރުގެ އަގު އަތު ނުޖެހޭ ވަރަށް އުފުލޭނެ ކަމަށެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް ރޭޓް މިހާރު 15.45 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދަކު އެ ރޭޓަކުން ޑޮލަރެއް ނުލިބެއެވެ. އެ ގޮތުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 17 ރުފިޔާއާއި 17.40 ރުފިޔާއާ ދެމެދުގަ އެވެ.

ރައީސް ވިދާޅުވާ ގޮތުގައި މި ސަރުކާރު އައިއިރު ބޭރުގެ ދަރަނި 120 ބިލިއަނަށް އަރައެވެ. އޭގެ ތެރެއިން 9 ބިލިއަން ރުފިޔާއަކީ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން، އަމިއްލަ ފަރާތްތަކުގެ ކުދި ކުންފުނިތައް ލައްވައި ކުރުވި މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާ ކަމުގައި ރައީސް ތަކުރާރުކޮށް ވިދާޅުވެ އެވެ.

"ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ އަޅުގަނޑުމެންގެ ގައުމު ބަގުރޫޓްވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ ވިހި ރުފިޔާ އަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔުމާ ގުޅިގެން 26 އެޕްރީލް 2020އިން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އަށް އަމަލުކުރުން މަޑުޖައްސާލައި އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޗާޕްކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިނެވެ. 

ރާއްޖޭގެ އިގްތިސާދީ ހާލަތު ކަންބޮޑުވާ މިންވަރެއްގައި އޮތް ނަމަވެސް އިގްތިސާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ އަސަރު މިހާރު ވެސް ފެންނަމުން އަންނަ ކަމަށާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ދަށްވެ، އިގުތިސާދު ރަނގަޅު ވަމުން އަންނަ ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާއި މިފްކޯ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަދަ ކުންފުނިތަކުގައި އޮތީ ބިލުތަކުގެ މައްޗަށް ބިލު ކަމަށާއި އެ ހުރިހާ ބިލެއް ވެސް ދެއްކުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަވަހަށް ނިންމުމަށް މަސައްކަތް ކުރަނީ ވެސް އިގްތިސާދު ވަރުގަދަ ކުރަން ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ދެން އިތުރަށް ފުޅާކުރެވޭނީ ވެލާނާ އެއާޕޯޓް އަވަހަށް ނިންމައި ހުޅުވާލެވުނުހާ އަވަހަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިތުރު ރިސޯޓުތައް ހެދުމުގެ ފުރުސަތު ދީ ހަދަން ފަށާފައި ނުނިމި ހުރި ރިސޯޓުތައް ނިންމަން އެކި ކަހަލަ ފުރުސަތު ދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ފައިސާ ޗާޕްކުރުން ހުއްޓާލުމުން އޭގެ ރަނގަޅު އަސަރެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ނުވަތަ ބްލެކް މާކެޓް ތިރިވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާވެލެއްވިއިރު، ފައިސާ ޗާޕުކުރުން ހުއްޓާލައި، ފައިސާގެ ސްޓޮކް ދަށްކުރުމުގެ ރަނގަޅު ނަތީޖާ މިހާރު ފެންނަން ފަށައިފި ކަމަށާއި އެމްޑީޕީ ސަރުކާރުގައި މިކަން ހަމަ ނުކުރީ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

އެ މަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދަށަށްދާކަން ފާހަގަ ކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އިންފްލޭޝަން ދަށްވެ، ތަކެތީގެ އަގު ދަށްވާނެކަން އެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މި ވާހަކަތައް ދެއްކުމުން ވެސް އިންފްލޭޝަނަށް ހައްލު ނުގެނައީ ކަމަށް ނަޝީދުގެ ޕޯސްޓުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް