ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ އިއްތިފާފުން މިގޮތަށް ނިންމާފައި ވަނީ ކޮލޮރާޑޯ ސްޓޭޓުގެ މައްސަލައިގައި އެކަންޏެވެ. ނަމަވެސް އެހެން ސްޓޭޓުތަކުން ވެސް މި ނިންމުމަށް އަމަލުކުރަން މަޖުބޫރު ވާނެ އެވެ.
ޓްރަމްޕް ރިޔާސީ އިންތިހާބުގައި ބައިވެރިވުން މަނާ ކުރުމުގެ ބާރު ހަމަ އެކަނި އޮތީ ގާނޫނު ހަދާ މަޖިލީހަށް ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
ސްޕްރީމު ކޯޓުން ނިންމި އެ ނިންމުމަކީ އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވައިފަ އެވެ. ނަމަވެސް ކޯޓުގެ އެ ނިންމުމާމެދު ހިތާމަކުރައްވާ ކަމަށް ކޮލޮރާޑޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖެނަ ގްރިސްވޮލްޑް ވަނީ ވިދާޅުވެފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީތައް މިއަދު އެމެރިކާގެ 14 ސްޓޭޓެއްގައި ކުރިއަށް ދާނެއެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާދަކުރައްވަނީ ނިކީ ހޭލީ އެވެ. ރިޕަބްލިކަންގެ ޕްރައިމަރީގައި އެހެން ސްޓޭޓްތަކުން ހޭލީގެ މައްޗަށް ކުރި ހޯއްދަވައިގެން ކުރީގައި މި ވަގުތު އުޅުއްވަނީ ޓްރަމްޕް އެވެ.
އެމެރިކާގެ އިންތިހާބު އަންނަ ނޮވެމްބަރު މަހު އޮންނައިރު، އިންތިހާބުގައި ޓްރަމްޕް އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ވާދަވެރިކަން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.