ads
ޑރ. ޒުލްފާ އެލްޖީއޭގެ ސީއީއޯއަށް އައްޔަނުކުރުން
ކައުންސިލްތަކަށް ދަތިކޮށް ފިޔަވަޅު އަޅައިގެން ނުވާނެ: ރައީސް
ރަސްމީ ދަތުރެއްގައި ނ. ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ކުރެއްވި ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން އަންގާފައި އޮއްވައި، ލޯކަލް ގަވަމަންޓް އޮތޯރިޓީން އެއްވެސް ކައުންސިލަކަށް ދަތިކުރަން އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ނ. ކެނދިކުޅުދޫ ކައުންސިލް އިން ރައީސް މުއިއްޒުއަށް ފާޑުކިޔައި ނެރުނު ބަޔާނެއް ބާތިލުކުރުމަށް އެލްޖީއޭ އިން އެންގުމުން އެ މައްސަލަ ހޫނުވެފައި ވަނިކޮށް ރައީސް މިގޮތަށް ވާހަކަ ދެއްކެވީ އެމަނިކުފާނު މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅެއްގައި ދ. މީދޫއަށް ވަޑައިގެން ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ފިޔަވަޅު އަޅައި، ހުރަސްތައް ކުރިމަތިކޮށް ދަތިކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"ކައުންސިލްތަަކަށް ފުރިހަމަ ބާރުވެރިކަން ދީގެން ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ. އެއްގޮތަކަށް ވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅައި ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ކުރުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކަކީ ފުރިހަމަ މިނިވަންކަމާ އެކު، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރާ ބައެއް ކަމުގެ ފުރިހަމަ ހައިސިއްޔަތު ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިވެފައި ހުރި މައްސަލަތަކާއި ކޮމިޓީތަކުގެ މެންބަރުން ފާހަގަކުރައްވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ނަމެއްގައި މިހާރު އޮތް ކޮމިޓީތަކަށް ހަގީގީ ބާރުވެރިކަން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ކެނދިކުޅުދޫ ކަންސިލުން ބަޔާނެއް ނެރުނީ، ރައީސް މިފަހުން އެ ރަށަށް ވަޑައިގެން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި ރަަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ އެވެ.  

އެލްޖީއޭ އިން ވަނީ އެ ބަޔާނަކީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ ބަޔާން ބާތިލް ކުރުމަށް އަންގައިފަ އެވެ. އެކަމަކު ކައުންސިލުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަޔާން ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެލްޖީއޭގެ ސީއީއޯ އަކަށް ބޭފުޅަކު އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް މުއިއްޒު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޑރ. މަރިޔަމް ޒުލްފާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް