އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ވިއްކަން އެއްބަސްވެފައި ވީނަމަވެސް ފޯރުކޮށްދީފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ދުބާއީ ކުންފުނި ހާޒިރުނުވާ ކަމަށާއި އެއްވެސް ބަޔާނެއް ވެސް ހުށަނާޅާ ކަމަށެވެ. ކުންފުނި "ވީ ތަނެއް ނޭނގޭ" ކަމަށެވެ.
އުޝާމް ވިދާޅުވީ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ މިދިޔަ ސަރުކާރުން ކަމަށެވެ. ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތް ކުރުމަކީ މި ސަރުކާރުން ވެސް ގެންގުޅޭ ސިޔާސަތު ކަމަށެވެ.
އުޝާމް ވިދާޅުވީ މިހާތަނަށް މި މައްސަލައިގައި ކަންތައް ހިނގާފައިވާ ގޮތަށް ބަލާއި ބަދަލު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ފައިސާ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އާބިޓްރޭޝަނުން ނިންމާފައި ވަނީ ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1،888،750 ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށެވެ. އަދި 2 މެއި 2021 އިން ފެށިގެން މި ފައިސާ އެ ކުންފުނިން ސަރުކާރަށް ދެއްކުމާއި ހަމައަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓް ދައްކަން ޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައިވެ އެވެ.
އަދި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 223،750 ޑޮލަރާއި އެވޯޑް ނެރޭ ތާރީހުން ފެށިގެން ލިކުއިޑޭޓެޑް ޑެމޭޖަސް ދިވެހި ސަރުކާރަށް ދެއްކުމާއި ހަމައަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓް ދައްކަން ވެސް ވަނީ ކަނޑައަޅާފަ އެވެ.
ވެންޓިލޭޓަރުތައް ގެނައުމުގައި ވެފައިވާ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ.
ތަހުގީގުކުރުމަށް ފަހު އެންމެ ފުރަތަަމަ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ހުށަހެޅި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ ހަތަރު ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.
މިހާރު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ. އޭގެ ފަހުން ދެން ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމީން ނުހިމެނެ އެވެ.