ރައީސް މިހެން ވިދާޅުވީ ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް އަތޮޅުތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްގަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބަނދަރާއި ގުޅިގެން ކުރަންހުރި ކަންކަމާއި ހިއްކާފައިވާ ބިމުގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށުގެ މަގުތައް ހެދުމާއި އަދި އެނޫންވެސް ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމުގަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެ ގޮތްތައް ފަހިކޮށްދިނުންކަމަށެވެ. އެގޮތުން އިގުތިސޯދީ މަންފާލިބޭގޮތަށް ކައުންސިލުގެ އިހުތިސޯސްގައި އޮންނަ ރަށެއް ނުވަތަ އިހުތިސޯސްގައި ނުހިމެނޭ ރަށެއް ވިޔަސް ކައުންސިލަށް ލިބުމަށް މަގުފަހިވާގޮތަށް ނިންމެވި ނިންމެވުމަކީވެސް އެބޭނުމުގައި ނިންމެވި ނިންމެވުމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި އެގޮތަށް ރަށްތަކަށް އެދުމަށް ހުޅުވާލާފައިވާ ރަށްތަކުގެ ލިސްޓުގައި އިތުރު ރަށްތައް ހިމަނުއްވަމުން ގެންދަވާނެކަމަށާއި އަދި އެގޮތަށް ރަށްރަށް ދޫކުރުމަށް މިހާރު ގެޒެޓްކޮށްފައިވާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށްވެސް މިހާރު ނިންމަވާފައިވާކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މި ބަދަލާއެކު އެފަދަ ރަށްރަށުގައި އެކިދާއިރާތަކުން ވިޔަފާރިތައް ހިންގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފަ އެވެ.
އަތޮޅުތަކަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްގަރު ކައުންސިލަކީ އެ މަނިކުފާނު ބައްދަލު ކުރެއްވި 136ވަނަ ކައުންސިލެވެ. ރައީސްގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.