ads
ވ. ފެލިދޫ، ވ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ/ ރައީސް އޮފީސް
ފެލިދޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭ ނިންމޭނެ: ރައީސް
ފެލިދެ އަތޮޅު ފެލިދޫގެ ބިންހިއްކުމުގެ މަސައްކަތް އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމަނުއްވައި، މިއަހަރު އެ މަޝްރޫއު ފަށްޓަވާނެކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް އެ މަނިކުފާނު އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫއަށް ވަޑައިގެން ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ފެލިދޫގެ ލޭންޑުޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް މިންވަރަށް ބިންހިއްކުމަށް ރޭވިފައިވާކަމަށާއި އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި މި މަޝްރޫޢު ފަށައި، ކުރިޔަށްގެންގޮސް ވީ އެންމެ އަވަހަކަށް ނިންމައިލުންކަމުގަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތްފޯރާ ފަށުގައި ހައުސިންގ ލޯނު ސްކީމުތައް ވެސް ތައާރުފު ކުރާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް މީ އަޅުގަނޑު ވީ ވައުދެއް. އަދި މިރަށަށް އެންމެ މުހިންމު މައްސަލަ ހައްލުކުރުމަށް ބޭނުންވާ ބިން މި ހިއްކަން ޖެހެނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ކަމަށް ދޭންޖެހޭ އެންމެ އިސްކަންދީ، އަދި އެންމެ މުހިންމު މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައް ކަމުގަވާތީ މި މަޝްރޫއު، ރަށުގެ ފަޅު ތެރޭން ޖާގަ އޮތް މިންވަރަކުން ހިއްކޭނެ އެންމެ ބޮޑަކަށް މިހާރު ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައި އޮތް ވަރަށް އިރާދަ ކުރެއްވިއްޔާ ހިއްކަދޭނަން،" ރައީސް ވިދާޅުވިއެވެ.

ފެލިދޫގެ ތަރައްގީއަށް ރޭވިފައިވާ ކަންކަމުގެ ތެރެއިން، އެރަށު ސްކޫލުގައި އިމާރާތްކުރުމަށް ނިންމާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް ބިނާކުރާނީ ބިމުން ބޮޑު ޖާގައެއް ނުގެއްލޭނެހެން، 4 ބުރި އިމާރާތެއްގެ ގޮތަށްކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އިއުލާނުކުރައްވާފަ އެވެ. 

މީގެ އިތުރުން ހޮސްޕިޓަލުގެ ފެންވަރު މަތިކޮށްދީ، ކުޅިވަރު ކުޅުމަށްޓަކައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ރައްޔިތުން އެދޭ ގޮތަށް ހައްދަވައިދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ކަމަށް ތައްޔާރުވުމަށް ކުރަން ޖެހޭ މަސައްކަތް، މިނިސްޓްރީއާއި އެ ރަށުގެ ކައުންސިލުން ކުރިޔަށް ގެންދިއުމާއެކު، ބަޔަކު ހޯދައިގެން އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ވީހާ ވެސް އަވަހަަށް ފަށާނެ ކަމަށެވެ.

ގާތްގަނޑަކަށް 700އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެލިދުއަކީ ވ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. ފަނަރަ ހެކްޓަރުގެ ބިމެއް އެ ރަށުގައި އޮންނައިރު، އެއީ ވ. އަތޮޅުގެ އެންމެ ބޮޑު ރަށް ވެސްމެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް