ads
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް--
ވެލާ ރިސޯޓުގެ މުވައްޒަފުންނަށް މުސާރައާއެކު އެލަވަންސްތަކެއް
ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތަކަކުން މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާ، މުސާރަ ކަނޑަމުންދާ ވަގުތެއްގައި ވެލާ ޕްރައިވެޓް އައިލަންޑް ރިސޯޓުން މުވައްޒަފުންނަށް އެހީގެ ސްކީމެއް ފަށާ، އިތުރު އެލަވަންސްތަކެއް ދޭން ނިންމައިފި އެވެ.
Advertisement

އެ ރިސޯޓުގެ ހިޔުމަން ރިސޯސް ޑިޕާޓްމަންޓުން ހުރިހާ މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައި ބުނެފައި ވަނީ ކުރިޔަށް އޮތް ދުވަސްތަކަކީ އިގްތިސާދީ ގޮތުން ޔަގީންކަމެއް ނެތް، ދަތި ދުވަސްތަކަކަށް ވާނޭ ކަމަށާއި ނަމަވެސް އެހެން ކުންފުނިތައް އަމަލުކުރަމުންދާ ފަދައިން ރިސޯޓުގެ މުވައްޒަފުން މާޔޫސްކޮށްނުލާނޭ ކަމަށެވެ.

އެންގުމުގައި ބުނެފައި ވަނީ އެކިއެކި ހާލަތްތަކުގައި ތިބި މުވައްޒަފުންގެ ކަންބޮޑުވުންތައް ދަންނަ ކަމަށާއި ހިޔުމަން ރިސޯސް ޑިޕާޓްމަންޓުން އެންމެންނަށް ވެސް އެހީތެރިވެދޭނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ބައެއް ދިވެހި އަދި ބޭރު މުވައްޒަފުންނަކީ ރިސޯޓު ހިންގުން ކުރިއަށް ގެންދިޔުމަށް ބުރަ މަސައްކަތް ކުރުމަށް ނުވަތަ އަނބުރާ ރަށަށް ދެވޭނޭ ގޮތެއް ނެތިގެން ނަމަވެސް، މި ދަތި ވަގުތުގައި އާއިލާއާ ދުރުގައި ރިސޯޓުގައި އަދިވެސް ތިބި މުވައްޒަފުންނެވެ. މި މުވައްޒަފުން އަދިވެސް ދަނީ ވެލާގެ އާއިލާއަށް ހިދުމަތް ކުރަމުންނެވެ. މި މުވައްޒުފުންގެ ބުރަ މަސައްކަތާއި ކެތްތެރިކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ."

މި މުވައްޒަފުންގެ ތެރެއިން 1000 ޑޮލަރަށް ވުރެ މުސާރަ ކުޑަ މުވައްޒަފުންނަށް އާންމު މުސާރައިގެ އިތުރުން މަދުވެގެން 500 ޑޮލަރުގެ ސާވިސް ޗާޖް ދިނުމަށް އަދި މިއަށްވުރަ މަތިން މުސާރަ ލިބޭ މީހުންނަށް މަދުވެގެން 300 ޑޮލަރުގެ ސާވިސް ޗާޖް ދޭނެ ކަމަށް އަންގާފައި ވެއެވެ. މި މުވައްޒަފުން ރިސޯޓުގައި ތިބޭ ދުވަސްތަކުގައި އޮފް ދުވަސްތަކާއި، އަހަރީ ޗުއްޓީއާއި ބަންދު ދުވަސްތައް އިތުރުވަމުން ދާނެ އެވެ.

ރިސޯޓުން ބޭރުގައި މިހާރު ތިބި މުވައްޒަފުންގެ ތެރެއިން 600 ޑޮލަރަށް ވުރެ މުސާރަ ކުޑަނަމަ މުސާރައިގެ އިތުރަށް 200 ޑޮލަރުގެ ފިކްސްޑް އެލަވަންސެއް އަދި މިވަރަށް ވުރެ މުސާރަ ބޮޑުނަމަ 100 ޑޮލަރުގެ އެލަވެންސެއް ދެވޭނެ ކަމަށް އަންގާފައި ވެއެވެ. ނަމަވެސް މި މުވައްޒަފުންނަށް ޗުއްޓީގައި ކުރިޔަށް އޮތް ދުވަސްތަކުގައި ހުންނަ އިރު ލީވް ދުވަސްތަކާއި ލީވް އެލަވަންސް އެއް ނުލިބޭނެ އެވެ.

މި ހުރިހާ މުވައްޒަފުންގެ ތެރެއިން ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް އިތުރު 100 ޑޮލަރު ދޭނެ ކަމަށް ވެސް އަންގާފައި ވެއެވެ.

މީގެ އިތުރުން ރިސޯޓަށް މަސައްކަތްކޮށްދޭ އަމިއްލަ ފަރާތްތަކުގެ ކޮންޓްރެކްޓްގައި ވާ ގޮތަށް ލާރިދެވޭނެ ކަމަށާއި އެއްވެސް ކޮންޓްރެކްޓެއް ސަބަބަކާ ނުލާ އުވާނުލާނޭ ކަމަށް ބުނެފައި ވެއެވެ. ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ މީހުންގެ ތެރެއިން މި ވަގުތު ވެސް ރަށުގައި ތިބި މީހުންނަށް ޗުއްޓީ ދުވަސްތައް އިތުރުވަމުންދާނޭ ކަމަށް ވެސް ބުނެފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް