ads
މާލެ ކޮމާޝަލް ހާބަރު - ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއިން ބޯޓުތަކުން ނަގާ ފީ ޑޮލަރުން ނަގަން ފަށަނީ
އަންނަ މަހުން ފެށިގެން އެމްޕީއެލްއިން ބޯޓުފަހަރުން ފީ ނަގާނީ އެމެރިކާ ޑޮލަރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޖީހު ވިދާޅުވީ، މިއީ ޝިޕް އެޖެންޓުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް މުދާ އެތެރެކުރާ ޝިޕް އެޖެންޓުން، ދިވެހި ވިޔަފާރިވެރިން އަތުން ޑޮލަރުން ފައިސާ ނެހި ނަމަވެސް، އެ ޝިޕް އެޖެންޓުން އެމްޕީއެލް އަށް ފައިސާ ދައްކަނީ ދިވެހި ރުފިޔާ އިން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން އެކަން ބަދަލު ކުރުމަށްޓަކައި ބޯޓުތަކުން ނަގާ ފީ ޑޮލަރުން ނަގަން ފެށުމަށް އެމްޕީއެލްއިން ނިންމާފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ޝިޕް އެޖެންޓުން ޑޮލަރު މާރު ކުރަނީ ކަޅު ބާޒާރުން 17 ނުވަތަ 18 ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް އެ ފަރާރްތަކުން އެމްޕީއެލްއަށް ފީ ދައްކަނީ ބޭންކް ރޭޓު ކަމުގައިވާ 15.42 ރުފިޔާ ގެ ރޭޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

your imageއެމްޕީއެލްގެ ސީއީއޯ ވަޖީހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އެމްޕީއެލް

އަދި އެއީ އަހަރެއްގެ މައްޗަށް 30 މިލިއަން ޑޮލަރު ކަމަށާއި، އެހެންކަމުން އެކަން ބަދަލު ކުރަން ޖެހޭ ކަމުގައި ވަޖީހު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން އެ ބަދަލުގެ ސަބަބުން ރާއްޖެ އަށް ގެންނަ މުދަލުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށާއި، އެއީ ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކުން ދައްކަން ޖެހޭ ފީއާ ގުޅޭ ކަމެއް ނޫން ކަމަށް ވަޖީހު ވަނީ ވިދާޅުވެފަ އެވެ.

އެމްޕީއެލް އިން 2011 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް، އޭރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަތުތަކާ ގުޅިގެން އެ އަހަރުގެ ފަހުން ބޯޓުތަކުން ފީ ނަގަން ފެށީ ރުފިޔާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް