ads
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ވަޒީފާއިން ޑިމޯޓްކޮށް ބިރު ދެއްކުން ހުއްޓާލުން އެދެން: ޝާހިދު
ވަޒީފާއިން ޑިމޯޓްކޮށް، ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ރައީސް ޑރ މުއިއްޒުއަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ހުވަދު އަތޮޅު ދެކުނު ބުރީގެ ރަށްތަކުގައި ކުރިއަށްދާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ޝާހިދު ވިދާޅުވީ، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ސިޔާސީ ހިޔާލު ތަފާތުވާ ފަރާތްތައް ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. 

ޝާހިދު ވިދާޅުވީ ވަޒީފާގެ ބިރުދެއްކުން ހުއްޓުވައި، ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީ އަށް 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

ޝާހިދު ވަނީ ސަރުކާރުން ވަޒީފާގެ ހައްގުތަކަށް އަރައިގަންނައިރު ސިވިލް ސަރވިސް ކޮމިޝަނާއި ވަޒީފާޔާ ބެހޭ ޓްރައިބިއުނަލުން ފާރަވެރިވާން ޖެހޭކަމަށެވެ. ޝާހިދު ވިދާޅުވީ ކެމްޕޭން އަށް އަތޮޅުތަކަށް މިހާރު ކުރަމުންދާ ދަތުރުގައި އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ މި ސަރުކާރުން ވަޒީފާގެ "ބިރު" ދައްކާ ކަމުގެ ޝަކުވާ އެވެ.

އެގޮތުން އެމްޑީޕީގެ ކެމްޕޭނުގައި އުޅޭތީ ވަޒީފާއިން ޑިމޯޓްކޮށްފައިވާ ފަރާތްތަކާއި، ކެމްޕޭނުގައި އުޅޭނަމަ ކަނޑާލާނެކަމުގެ އިންޒާރު ދީފައިވާ ބައެއް ފަރާތްތަކާ ދިމާވި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒު ވި ވައުދާ، ދިމާ އިދިކޮޅަށް އަމަލުކުރައްވަމުންދާ ކަމަށާއި، މި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރުވެސް ނުކުރައްވާ ކަމަށެވެ. 

ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލެއްވިއިރު ރައީސް ޑރ މުއިއްޒު މިއަދު ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި ނަމަވެސް ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކަށް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް