ރައީސް ޑރ. މުއިއްޒު ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ނައިފަރަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ، މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރޯދަ މަހާ ދިމާވިޔަސް ރީތި ބަހުން ކެމްޕެއިންކުރުން މުހިއްމުކަން ފާހަގަ ކުރައްވާފަ އެވެ. އަދި ކެމްޕެއިން ކުރުމަގައި އެކަކު އަނެކަކަށް ދޮގު ބަސްތައް ރައްދުނުކުރުމަށާއި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ރައީީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ރައީީސް ވިދާޅުވި ގޮތުގައި މި ރޯދަ މަހަކީ މާނަހުރި ތަރައްގީ ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގަ އެވެ.
މީގެއިތުރުން ކާކުކަން ނޭނގޭ ގޮތަށް ހިންގާ ވެބްސައިޓުތަކުން ހަގީގަތާ ހިލާފު ވާހަކަތައް ޝާއިއު ކުރަމުންދާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެފަދަ ކަންކަމާ ދުރުވުމަށް އިލްތިމާސްކުރައްވާފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ނަފްސު އިސްލާހުނުކޮށް ގައުމަށް ހަމަޖެހުމާއި ކުރިއެރުން ނާންނާނެ ކަމަށެވެ.
މީގެއިތުރުން މި ރޯދަ މަހު ތަގުވާވެރިކަން އިސްކޮށް ރީތި ގުޅުންތައް ގާއިމްކޮށް އޯގާތެރި މުޖްތަމައެއް ގާއިމްކުރުން ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.