ads
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
މަޖިލީސް އިންތިހާބަށް ފަހު 15-12 ރުފިޔާ އަށް މަސް ގަންނަ އަގު ތިރިކުރާނެ: ޝާހިދު
އަންނަ މަޖިލީސް އިންތިހާބަށް ފަހު 15-12 ރުފިޔާ އަށް މަސް ގަންނަ އަގު ތިރިކުރާނެ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދު ވިދާޅުވެެއްޖެ އެވެ

ކުރިޔަށް އޮތް މަޖިލީސް އިންތިހާބަށް އެމްޑީޕީގެ ފަރާތުން ގދ.ވާދޫ ދާއިރާއަށް ނެރެފައިވާ ކެނޑިޑޭޓުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި 25 ރުފިޔާ އަށް ގަންނަމުން ދިޔަ މަސް 20 ރުފިޔާ އަށް ތިރިކޮށްފައިވާ ކަމަށާއި ކުރިޔަށް އޮތް އިންތިހާބަށް ފަހު މި އަގު 15 ރުފިޔާ އަދި 12 ރުފިޔާ އަށް ހަދަން ސަރުުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ބަރަކާތްތެރި ރޯދަ މަސް އަންނަ އިރު މަސްވެރިން ގުދާރު ބިންދައިގެން ރަތްދަކާ އަވީގައި ބޭނި މަސްކޮޅުގެ އަގު އަދިވެސް ނުދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"ރައީސް މުއިއްޒު ވިދާޅުވީ 48 ގަޑިއިރު ތެރޭގައި ޑޮލަރުން މަސްވެރިންނައް ލާރި ދޭނެ ކަމަށް. އަޅުގަނޑު މި ބުނަނީ ޑޮލަރު ބަހައްޓާށޭ. ދިވެހި ފައިސާއިން އެ ލާރި ދެއްވާށޭ." ޝާހިދު ވިދާޅުވި އެވެ

ދިވެހި ފައިސާއިންވެސް އެ ލާރި ނުދެއްކޭ ނަމަ ކިރި މަސްކޮޅު އަނބުރާ މަސްވެރިނާއި ހަވާލުކޮށް ދިނުމަށް ސަރުކާރުގެ ފަރާތުން އެދޭ ކަމަށާއި ނަމަވެސް އެ މަސްކޮޅުވެސް މިހާރު ސަރުކާރުގެ އަތުގައި ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހުވާ ކުރެއްވިތާ 24 ގަޑިއިރުތެރޭގައި 22 ވަޒީރުންނަށް 22 ކާރު ރައީސް އޯޑަރު ކުރެއްވި ކަމަށާއި ގައުމީޔަތު ދިރުވުމުގެ ނަމުގައި ގައުމީ ދިދަ ޖަހައިގެން ވަޒީރުން ކާރުކޮޅުތައް ދުއްވަމުން ދާ އިރު ރާއްޖޭގެ މަސްވެރިން ހަނާ ވަމުން ދާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"މިއީ ގައުމިއްޔަތު ދިރުވުމެއް ނޫން. މިޔަށް ކިޔާނީ ބޮޑު އޮޅުވާލުން އަދި ބޮޑު ދޮގުހެދުން." ޝާހިދު ވިދާޅުވި އެވެ.

މި ގައުމުގެ ރައްޔިތުން މި ތިބީ މި ދޮގާއި ބުހުތާނާއި ގަބޫލު ކުރާ ގޮތަކަށް ނޫން ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ. 

މަހުގެ އަގަށް 25ރ ކިރަން ނިންމީ ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ނިމުނު ރިޔާސީ އިންތިހާބު ކެމްޕެއިން ދުވަސްވަރު އެވެ. ޑރ. މުއިއްޒުގެ އެޑްމިނިސްޓްރޭޝަން މިފަހުން ވަނީ މިފްކޯ އަށް މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްފަ އެވެ. މިގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް