ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ އިސްތިއުނާފު ހިފެހެއްޓިފައިވާ ކަމަށާއި، ރޯދަ މަސް ފެށިގެންދާއިރުވެސް ޔާމީން ހުންނެވީ ބަންދުގައި ކަމަށެވެ. ޔާމީން އަދިވެސް މިނިވަންނުކުރެއްވުމަކީ، ބޭއިންސާފެއްގެ ގޮތުގައި ސިފަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ، އެހައި ބޮޑު ބޭއިންސާފަކަށް އަރައިގަނެގެން ތިބެ ހެޔޮ ނަސޭހަތް ދިނުމުން ދެކޮޅު ނުޖެހޭ ކަމަށެވެ.
މީގެއިތުރުން ޖަމީލް ވިދާޅުވީ، މިކަމުގައި ކުރީގެ ރައީސް ސޯލިހުއާއި ރައީސް މުއިއްޒުގެ ތަފާތެއް ނެތްކަމަށެވެ.
ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނިމި، ހުކުމަކާ ހަމަޔަށް ގޮސް މަޑުޖެހިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ނަމަވެސް، އެ މައްސަލައިގެ ހުކުމް އިއްވާނެ ތާރީހެއް އަދިވެސް އެ ކޯޓުން ނާންގާ ކަމަށާއި ހުކުމް ކުރުން ލަސްވާ ސަބަބު ވެސް ކޯޓުން ސާފުކޮށް ނުދޭ ކަމަށް ބުނެ ޔާމީންގެ ފަރާތުން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވީ ވެސް އިސްތިއުނާފް މަރުހަލާގައި މިހާރު އޮތް 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅެވެ.
އެކަމުގެ ތެރެއިން ޕީޕީއެމްގެ އިސް ލީޑާޝިޕު ބޭފުޅުންނާއި އެމަނިކުފާނާ ދެމެދު އުފެދުނު ހިތްހަމަ ނުޖެހުންތަކުގެ ސަބަބުން އެންމެ ފަހުން އެ ޕާޓީން އިސްތިއުފާ ދެއްވަން ވެސް ޖެހިވަޑައިގަތެވެ. އަދި، އެ މަނިކުފާނު އިސްވެ ހުންނަވާ މިހާރު އުފައްދަވަން އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީ ކުރުން ހުއްޓިފައި އޮތީ ވެސް އެ ޖަލު ހުކުމުގައި ހުންނެވުމުގެ ސަބަބުންނެވެ.
ޔާމީންގެ ތާއީދާ އެކު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެވި ނަަމަވެސް، މި ސަރުކާރުން ވެސް އެ މަނިކުފާނަށް އިންސާފު ލިބުމަށް ހުރަސް އަޅާ ކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ފާޅުކޮށްފަ އެެވެ.
ޔާމީން ވަނީ އެމަނިކުފާނު މިނިވަން ކުރުމާ ގުޅޭ ވާހަކަތައް މާ ބޮޑަށް ނުދެއްކުމަށް ސަޕޯޓަރުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ކޯޓުގައި އޮތް މައްސަލަ ދިގު ދެމިގެންދާނެ ކަމަށެވެ. ނަމަވެސް ގާނޫނީ ފަރުވާލިބި އެމަނިކުފާނު މިނިވަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނަމަވެސް މީހެއްގެ އިހުސާންތެރިކަމުން އެމަނިކުފާނު މިނިވަންވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔާމީން ވިިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި މިހާރުގެ ރައީސް މުއިއްޒު ވަނީ ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.