ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަފީގް ވިދާޅުވީ އެކަމާ ބެހޭ އެއްބަސްވުމެއްގައި ސައުދީ ޕޯސްޓާ މޯލްޑިވްސް ޕޯސްޓާ ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.
ޝަފީގް ވިދާޅުވީ އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ދެ ފަރާތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
ހައްޖާއި އުމްރާއިން އެނބުރި އަންނައިރު ލަގެޖު ބަރުވުމުގެ މައްސަލަ ވަރަށް ގިނަފަހަރަށް ކުރިމަތިވާކަމަށާއި، އެހެންކަމުން ކުޑަ ފީއަކާއެކު ގިނަވަގެން 30 ކިލޯގެ ތަކެތި ޕޯސްޓް މެދުވެރިކޮށް ގެނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޝަފީގް ވިދާޅުވި އެވެ. އަދި ކިލޯއަކުން ނަގާ އަގު އެއާލައިންތަކުން ދޭ ކޮމާޝަލް އަގުތަކަށްވުރެ ހެޔޮވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އަޅުކަން އަދާކުރުމަށް ދާ ސަރަހައްދުތަކުގައި މި ހިދުމަތް ދޭން ޕޯސްޓްތަކެއް ގާއިމްކުރާނެ ކަމަށާއި، އެ ތަންތަން ކަނޑައެޅުމާއެކު އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ޝަފީގް ވިދާޅުވި އެވެ.
ޝަފީގް ވިދާޅުވީ ވީހާވެސް އަވަހަކަށް މި ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހިދުމަތް ހަމަޖެހުމުން ގްރޫޕްތައް މެދުވެރިކޮށް ހައްޖުވެރިންނާއި އުމްރާވެރިންނަށް އެކަން އަންގާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.