ads
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އީދު ނަމާދު ފަށާ ގަޑި އަވަސް ކުރަން މަޝްވަރާ ކުރަނީ
އީދު ނަމާދު ކުރާ ވަގުތު ހެނދުނު 7:00 އަށް އަވަސް ކުުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ފަލަކީ ކޮމެޓީގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އީދު ނަމާދު ކުރާ ގަޑިއަށް ބަދަލު ގެނައުމަށް މަޝްވަރާ ފަށާފައިވާ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ނިންމާ ނިންމުން ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ. އަދި މިނިސްޓްރު ވަނީ އެކަމުގައި ފަލަކީ ކޮމެޓީގެ ރައުޔު ހޯއްދަވާފަ އެވެ.

އެކަމާ ގުޅޭގޮތުން މީގެކުރިން ފަތުވާ މަޖިލިހުގެ ރައުޔު ވެސް ހޯދާފައިވާ ކަމަށާއި، ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމްގެ މަޝްވަރާ ވެސް ހޯއްދަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެ މަޝްވަރާތަކުގައި ހުރިހާ ފަރާތްތަކުން ވެސް އީދު ނަމާދު ކުރަން ފަށާ ވަގުތު އަވަސްކުރުމަށް ހިޔާލު ދެއްވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިހާތަނަށް މަޝްވަރާ ކުރެވުނު ހުރިހާ ބޭފުޅުންނަށް ވެސް އިއްތިފާގު ވެވޭ އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑި މިހާރު މި އޮތް ވަގުތަށް ވުރެ އަވަސް ކޮށްލަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިރޭގެ ބައްދަލްވުމުގެ ފަލަކީ ކޮމެޓީގެ ބޭފުޅުން އީދު ނަމާދު ކުރާ ގަޑި އަވަސް ކުރުމުގެ ހިޔާލަށް ތާއީދު ކުރައްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފަހަކަށް އައިސް މާލެ އާއި ގިނަ ރަށްރަށު ގައި ވެސް ހުސް މައިދާންތަކުގައި އީދު ނަމާދު ކުރާތީ އީދު ނަމާދު ގަޑި އަވަސް ކުރުމާމެދު ގޮތެއް ނިންމުން މުހިންމު ކަމުގަ އެވެ.

ރާއްޖޭގައި އީދު ނަމާދު ކުރަން ފަށަނީ ހެނދުނު 7:30 ގައެވެ. ނަމަވެސް އިސްލާމީ ބައެއް ގައުމުތަކުގައި އިރުއަރާތާ މާ ގިނަ އިރުތަކެއްނުވެ އީދު ނަމާދު ކުރަން ފަށަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް