ސޯޝަލް ސެންޓަރު ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި ޝީޝާ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވައި މުހައްމަދު އަމީން ދެއްކެވި ވާހަކަ ފުޅުގައި، މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުރިހާ ބޭފުޅުން އުޅުމަށް ނަސޭހަތްތެރިވެލެއްވި އެވެ.
މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ގޯސް ހާލަތަކަށް ގޮސްފައިވަނީ އެއްދުވަހުން ދެދުވަހުން ނޫން ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކަން ކުރުމުގެ ސަބަބުން މިއަދު ކުރަންޖެހިފައިވާ މަސައްކަތަކީ ކުރަމުންދާ މަސައްކަތަކީ ފުލުހުންނާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އެކުލަވާލި ބޮޑު ޕްރޮގްރާމަކީ އެއްދުވަހުން ދެދުވަހުން ވާނޭ ކަންކަން ނޫންކަމަށް ވިދާޅުވެލެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮންޕްރިހެންސިވް ޕްލޭނެއް ކުރިއަށް ގެންދާނެކަމަށާއި މި ޕްލޭނުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި މާލޭގެ ކޮންޖެކްޝަންސްތަކަށް ހައްލެއް ލިބިގެން ދާނެކަމަށާއި ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދޭނެކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މުޅި އަހަރަށް ތާވަލު ކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ތެރެއިން ރޯދަ މަހަށް ހާއްސަކޮށްގެން މިފެށޭ ފަހިރާސްތާ ޕްރޮގްރާމުގައި، މިއަދުގެ ޓްރެފިކް ހާލަތު ތަސައްވަރު ކޮށްލުން ރަނގަޅު ކަމަށެވެ.
އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ވެހިކަލް ތޮއްޖެހިފައިވާ ތޮއްޖެހުން މާލޭގެ ޕާކިންއަށް ސަރުކާރުން ދެއްވި ލުއިތަކާއި ޕާކްކުރުމުގެ އާންމު އުސޫލުތަކާއި އަހުލާގީ އަދި ފަރުދީ ޒިންމާއަށް ބަލާލުމެއްނެތި މިސްކިތްތަކާއި ސްކޫލުތަކާއި ވަދެނުކުތުމަށް ދަތިވާގޮތަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ރޭންޕުތައް މަތީގައި ޕާކްކުރަމުން ގެންދާކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ހައިވޭގެއި ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލަމުންދާނެއެވެ.
އަދި ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަދި ދަ ހޯކްސް ގުޅިގެންނެވެ.