ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، ޕީއެންއެފް އިން އީސީ އަށް ޖުމްލަ 3370 ފޯމް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ ފޯމްތައް ސައްހަތޯ ކަށަވަރު ކުރަން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިމިފައި ވާ ކަމަށެވެ.
ހަބީބް ވިދާޅުވީ 1976 ފޯމް ސައްހަ ވެފައިވާ އިރު ފުރިހަމަ ނުވެ ހުރި 1313 ފޯމް ވަނީ ފުރިހަަމަ ކުރުމަށް އަނބުރާ ފޮނުވާވެލިފައި ކަމަށެވެ.
މީގެ އިތުރުން ރެޖިސްޓްރާ ފުރިހަމަ ކުރަންޖެހޭ ބައި ފުރިހަމަ ނުކޮށް ހުރުމުން އަނބުރާ ފޮނުވާލި ފޯމްތައްވެސް ހިމެނޭ ކަމަށް ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ މިކަންކަން ފުރިހަމަ ކުރުމަށްފަހު އެ ފޯމްތައް ފޮނުވާލުމުން އީސީއިން އެ ފޯމްތައް ބަލައިގަންނާނެ ކަމަށެވެ.
ހުށަހެޅި ފޯމްތަކުގެ ތެރެއިން ސައްހަ ކަން ކަށަވަރު ނުވެ އޮތީ 81 ފޯމް ކަމަށާއި މިހާރު އެ ފޯމްތައް ކަށަވަރުނުވި ސަބަބުން ވަރަށް ސާފުކޮށް އަދި ތަފްސީލުކޮށް އެ ޕާޓީ އަށް އަންގަވާފައި ވާ ކަމަށް ހަބީބް ފާހަގަ ކުރެއްވި އެވެ.
އެ ފޯމްތައް ފުރިހަމަކުރުމަށް ހުށަހަޅާ ލުމުން ހަފްތާއެއްގެ ތެރޭގައި އެ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރެވި ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދީފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނަށް މިދިޔަ އަހަރުގެ ނޮވެމްބަރު 29، ގަ އެވެ.
ޕީއެންއެފް އުފެއްދުމުގެ ކުރިން ޔާމީނު ހުންނެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުގަ އެވެ. އެ ޕާޓީއާ ދުރަށް ޖެހިވަޑައިގަތީ ރިޔާސީ އިންތިހާބާ ހަމައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނާ ދެމެދު ގުޅުން ހީނަރުވުމުންނެވެ.