ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މޫސާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މި އަހަރު ތެރޭގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަނީ މިދިޔަ ހަފްތާގައެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައިވަނީ މޫސާ އަހުމަދަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށާއި އަދި އެ ހެކިވެރިޔާ ވެސް ފަހުން ކޯޓަށް ފޮނުވި ސިޓީއެއްގައި، ކުރިން ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލިޔަސް އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން، ސައްމާހު ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ދައުލަތުން ބުންޏަސް، އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތެވެ. އަދި އެ ސަރަހައްދުގައި ސައްމާހު އެ ވަގުތު ނުހުންނާނެ ކަމަށް އޭނާގެ ދިފާއީ ހެކިން ބުނާތީ އެ ވީޑިއޯއިން ފެންނަނީ އޭނާ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މައްސަލާގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެކަމާ ސައްމާހުއާ ގުޅުވާލެވޭނެ ހެއްކެއް ފެންނަން ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމުގައިވަނީ ސައްމާހުގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ. އެ މައްސަލާގައި ސައްމާހު އާއި އިތުރު މީހެއްގެ މައްޗަށް މަގްބޫލު ސަބަބެއް ނެތި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ކުރި އެވެ. އެއީ ހަމަލާދިން ސަރަހައްދުގައި ވަޅި ގެންގުޅުނު ކަމަށް ބުނެ އެވެ. ނަމަވެސް އެ ދައުވާ ވެސް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.