ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ކޮމިޓީގައި ދެން ތިބި މެމްބަރުން ވަނީ އެލްޖީއޭގެ ބަޔާނާއި ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވާފަ އެވެ. ބައެއް މެމްބަރުން އެ ބަޔާން ކުށްވެރިކުރެއްވި އެވެ.
ނިޔާޒު ވިދާޅުވީ ކައުންސިލްތަކުން ކުރާ އެންމެ ކަމެއްގެ ވާހަކަ، އެލްޖީއޭއިން ތަކުރާރުކޮށް ފާހަގަކޮށްފައިވީ ނަމަވެސް ކައުންސިލްތަކަކީ އެއަށް ވުރެ ފުޅާ މެންޑޭޓެއްގެ ތެރޭގައި ހިންގާ ތަންތަން ކަމަށެވެ. އެގޮތުން އަމިއްލައަށް ފައިސާ ހޯދައިގެން ވިޔަފާރިކޮށްގެން، އަމިއްލައަށް ހިދުމަތްތައް ފުޅާކުރުމުގެ ބާރުލިބޭ ޝަހުސެއް ކަމަށް ވާއިރު، ސަރުކާރުގެ ފަށަލައެއްގެ ގޮތަށް އެލްޖީއޭއިން ސިފަކޮށްފައިވާތީ އެކަމާ އޭނާ ސުވާލު އުފެއްދެވި އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ މިއީ ސިޔާސީ ކުރަން އުޅެފިއްޔާ ވަރަށް ބޮޑުވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެކަމަކު ރީތިކޮށް މައްސަލަ ނިންމުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ބައްދަލުވުމެއްގައި ރައީސަކު ނޫނީ ވަޒީރަކު ނުވަތަ މެމްބަރަކު ދައްކާނެ ވާހަކައެއް އެނގޭނީ އެ ބޭފުޅަކަށްކަމަށާއި މީގެ ކުރިން ވެސް ސިޔާސީ ނޫން އިވެންޓުތަކުގައި މި ފަދަ ވާހަކަތައް ދައްކާފައި އެބަހުރިކަމަށް ސިޔާން ވިދާޅުވި އެވެ.
ބައެއް މެމްބަރުން ސިފަ ކުރެއްވި ގޮތުގައި ގަރާރު ބާތިލު ކުރަން އެންގުމަކީ، ކައުންސިލަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއަށް އެލްޖީއޭއިން ނާޖާއިޒް ގޮތެއްގައި ވަނުމެވެ.
ހުރިހާ މެމްބަރުންނަށް ވެސް އެއްބަސް ވެވުނީ އެލްޖީއޭ އާއި ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކުރައްވައިގެން ދެން މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.
ރައީސް މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކަށް ފާޑުކިޔާ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ގަރާރު ބާތިލު ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރުނު ބަޔާނާ މެދު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިތްހަމަޖެހިވަޑައި ނުގެން ވާހަކަ ދައްކަވައިފަ އެވެ.
ކެނދިކުޅުދޫ ކައުންސިލުން ގަރާރު ނެރުނީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރަަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސް މުއިއްޒު ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް، ވަނީ ކުރިއަށް އޮތް ތަނުގައި ކައުންސިލުން ނެރޭ ބަޔާންތަކާ ގުޅިގެން ފިޔަވަޅު ނާޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.