ads
ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރި މިސްކިތުގައި މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދު ކުރަނީ
ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ!؟
މާ ގިނަ ދުވަސްތަކެއް ނުވެ ﷲ ސުބްހާނަހޫ ވަތައާލާގެ އިޒުނަފުޅާއެކު އެއިލާހު މާތްކުރެއްވި މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރު މި ވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފަ އެވެ. ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ވަނީ މި މައްސަރުގައެވެ. ފޮތްތަކުގެ ތެރެއިން އެންމެ މާތް ފޮތް އުންމަތްތަކުގެ ތެރެއިން އެންމެ މާތް އުންމަތުގެ، ރަސޫލުންގެ ތެރެއިން އެންމެ މާތް ރަސޫލާގެ މައްޗަށް ބާވައިލެއްވުނީ ރަމަޟާން މަހުގެ ރެއެއްގައިއެވެ. ﷲ ގެ ރުހިވޮޑިގަތުން ހޯދަން ބޭނުންވާ މީހަކަށް ރަމަޟާން މަހަކީ ރަނގަޅު ފުރުސަތެކެވެ. އައްރަހުމާނުގެ ރަހުމަތް ހޯދަން ބޭނުންވާ މީހަކަށް ރަމަޟާން މަހަކީ ރަނގަޅު ފުރުސަތަކެވެ. މިއީ ރުޖޫއަވުމުގެ ދުވަސްވަރެވެ. އަދި ފާފަތަކާ ދުރުހެލިވުމުގެ މައްސަރެވެ. އަހަރުގެ ތެރޭގައި އަންނަ އެންމެ ހެޔޮކަން ބޮޑު މައްސަރެވެ. الله ގެ މައުފިރަތާއި ރަހުމަތުގެ މައްސަރެވެ. ނުވަތަ މިއީ ހެޔޮ ކަމުގެ އެންމެ ބޮޑު "ސީޒަން" އޭ ވެސް އަޅުގަނޑުމެންނަށް ބުނެވިދާނެ އެވެ.

ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށް، އެމީހެއްގެ ރޯދަ އިސްލާހު ނުކުރި މީހާއާއި، އޭނާގެ ރޭއަޅުކަމުން އަސަރެއް ނުކުރި މީހާއާއި އޭނާގެ ދުވަސްތަކަށް ބަދަލެއް ނައި މީހާއާމެދު އުންމީދު ގެއްލިއްޖެ އެވެ. ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށް، ސުވަރުގެ އާއި ފާފަފުއްސެވުމަށް ނުހަނު އެދިއެދި ހުރުމަށްފަހު، ހަވާނަފްސުގެ އެދުންތަކާއި ނަހީކުރައްވާފައިވާ ކަންތައްތަކާ އަދި ހަރާމްކުރައްވާފައިވާ ކަންތައްތަކުގައި ޣަރަގުވެގެން ދިޔަ މީހާގެ އުންމީދު ވެސް ގެއްލިއްޖެ އެވެ. އެ މީހުންނަކީ ރަމަޟާން މަހުގެ ހެޔޮކަން އެމީހަކަށް ނުލިބުނު މީހުންނެވެ! އަދި އެއީ އަބާއްޖަވެރިންނެވެ.

  • ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ!؟

ބޮޑުފާފަތަކާއި ފާހިޝް ކަންކަމާމެދު ފަރުވާތެރިނުވެ، ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ؟ ތިބާގެ އަހާގެ މުދާ ނުހައްގުން ކެއުމާ ދުރުހެލިނުވެ، ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ؟ ތިބާގެ އަހާގެ އަބުރަށް އަރައިގަތުމުން ދުރުހެލިނުވެ، ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ؟ އޮޅުވާލުމާއި އަނިޔާވެރިވުމާއި ހިޔާނާތްތެރިވުމާއި މަކަރާއި ހީލަތް ހެދުމުންދުރުހެލިނުވެ، ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ؟ ހަސަދަވެރިކަމާއި ބައިބައިވުމާއި، އަރައިރުންތަކާ ދުރުހެލިނުވެ، ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ؟

އެމީހެއްގެ ދަރިންނަށް އިހުމާލުވެ، އެއްވެސް އަޅާލުމެއް ނެތި، ހަރަދުކުރުމެއް ނެތި ވަރިކުރި އަންހެނާ ގާތު އެކުދިން ބަހައްޓައިގެން އުޅޭ ފިރިހެނާއެވެ. ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ؟ ވަރިކުރެވިފައިވާ އަންހެނުންގެ ތެރެއިން، ދަރިން އެކުދިންގެ ބައްޕަ ދެކިލާށާއި ބައްދަލުކޮށްލުމަށްވެސް ހުއްދަ ނުދޭ، އަދި ނުކިޔަމަންތެރިވުމަށާއި ނުބައިކަމަށް އެކުދިންނަށް ހިތްވަރު ދޭ އަންހެނާއެވެ. ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ؟ އަދި ވަރިކުރެވިފައިވާ އަންހެނާއަށް އޭނާގެ ދަރިން ދުށުމުގެ ފުރުސަތު ނުދޭ މީހުން ހަމަ އެހިފަނީ ރޯދަ ހެއްޔެވެ؟

އެމީހެއްގެ އަނބިމީހާ އެކަހެރިކޮށްލައިގެން އުޅޭ ފިރިހެނާއެވެ. އަދި އަނިޔާވެރިކަމާއެކީ ވަރިވެސް ނުކުރާންވެގެން އެގޮތަށް އަނބިމީހާ ގެންގުޅޭ ފިރިމީހާއެވެ. ހަމަ ތިޔަ ހިފަނީ ރޯދަ ހެއްޔެވެ؟ މައިންބަފައިންނަށް އިހާނެތިކޮށް ހިތައި، އެދެމީހުން އެކަހެރިކޮށް، އެދެމީހުންގެ މައްޗަށް ބަސްކިޔައި، ކަމެއް ކޮށްދޭން ޖެހުނީމަ ކުދިކިޔައި، ކަމަކު އެދިއްޖެއްޔާ ނުކޮށްދީ، ހޯދާއިރެއްގައި ފިލައިގެން އުޅޭ، ހަރުއަޑުން ނޫނީ ޖަވާބެއް ނުދޭ، "ފަހުންކޮށްދޭނަމޭ" އަބަދު ކިޔާ މީހާއެވެ. ތިޔަ ހިފަނީ ހަމަ ރޯދަ ހެއްޔެވެ؟

ރޭ އަޅުކަމާއި ފަރުލު ނަމާދުތަކުގެ ވަގުތު ނިދާ، ވަގުތު ފާއިތުވާފަހުން ތެދުވެ ނަމާދުކޮށް، އެއީ ރޯދަމަހުގެ އާދައެއްކަމުގައި ހަދައިފިމީހުންނެވެ. ތިޔަ ހިފަނީ ހަމަ ރޯދަ ހެއްޔެވެ؟ އެމީހެއްގެ އަހުންނާއި އުހުތުންނަށް ހައްގުވާ ވާރުތަމުދާ ގަދަކަމުން އަތުލައި، ޔަތީމުންނާއި މިސްކީނުންގެ ހައްގު ނަގާލާ، ވަގުފުކުރެވިފައިވާ މުދަލުގެ މައްޗަށް ވެރިވެގަންނަމީހާއެވެ. ތިޔަ ހިފަނީ ހަމަ ރޯދަ ހެއްޔެވެ؟ ސަދަގާތް ދިނުމާއި ގެވެށި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް ލިބޭ ރަނުގެ ފުރުސަތަށް ފުރަގަސްދީ ތިޔަ ހިފަނީ ހަމަ ރޯދަ ހެއްޔެވެ؟ ތިމާގެ ހިތްނިޔަތް ހާލިސް ނުކޮށް، މާތް ﷲ އަށް އިހުލާސްތެރިނުވެ، ތިޔަ ހިފަނީ ހަމަ ރޯދަ ހެއްޔެވެ؟

އާނއެކެވެ. އެފަދަމީހުންގެ ކިބައިންވެސް ރޯދައިގެ ވާޖިބުކަން ކެނޑި އެކަން ފިލައިގެން ގޮސްދާނެއެވެ. އެކަމަކު އެބައިމީހުންގެ ރޯދައިގެ ތެރެއަށް އެވަނީ ވަރަށް ގިނަ ނުބައިކަން ވަދެފައެވެ. އޭނާއަށް ރޯދައިން ލިބޭ ސަވާބަށްވުރެ އެނުބައިކަންކަމުން ލިބޭ ފާފަ ބުރަވެދާނެއެވެ.

ރޯދައަށް ހުރެ ރޯދަ ގެއްލޭފަދަ ނުވަތަ ރޯދަ ފާސިދުވާފަދަ ކަމެއް ކުރެވިފައިވާ މީހުން ތަގުވާވެރިވާންޖެހެ އެވެ. ސަބަބަކީ ތިޔަ އަމަލުތަކަކީ މުސްލިމުން ދުރުހެލިވުން ވާޖިބުވެގެންވާ ކަމެކެވެ. ނަފްސު ހޭލައްވާލުމާއި ބީރައްޓެހި ކަންކަމެވެ. އެފަދަމީހުން ނުބައި އަމަލުތައް ކުރުމުން އެއްކިބާ ނުވެ، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ބޭނުންވެވޮޑިގެން ނުވެއެވެ. ތިބާ ރޯދައަށް ހުންނަ ދުވަހާއި ރޯދައަށް ނުހުންނަ ދުވަސް އެއްފަދަ ނުކުރާށެވެ. ތިބާ ރޯދަ ހިފާއިރު، ތިބާގެ އިވުމާއި، ފެނުމާވެސް ރޯދައަށް ބަހައްޓާށެވެ. މި ހިފެނީ ހަމަ ރޯދަ ތޯ އަމިއްލަ ނަފްސަށް ސުވާލު ކުރާހާލު، އަފޫކުރެއްވުމަށް ރަމަޟާންމަހުގައި ގިނަގިނައިން އެދޭށެވެ.

ރަމަޟާންމަހުގައި ރޯދަހިފައި އެރޯދައަށް ރައްކާތެރިވުމުގެ ތައުފީގު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި އެވެ! އަދި ފާފަކުރުމުގެ ސަބަބުން ކުރާ ހެޔޮ އަމަލުތައް ކިލަނބުކޮށްލާ ބަޔަކުކަމުގައި އަޅުގަނޑުމެން އެންމެން ނުލައްވާށި އެވެ! އާމީން. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް