ads
އިސްތިއުފާ ދެއްވި ހެއިޓީގެ ބޮޑު ވަޒީރު އެރިއަލް ހެންރީ
ގޭންގުތަކުގެ ޕްރެޝަރު ބޮޑުވެ، ހެއިޓީގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
ކެރީބިޔަންގެ ގައުމެއް ކަމުގައިވާ ހެއިޓީގެ ގޭންގުތަކުގެ ނުރައްކާ ބޮޑުވުމުން އެ ގައުމުގެ ބޮޑުވަޒީރު އަރިއެލް ހެންރީ އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކެރީބިއަން ގައުމުތައް މެދުގައި އިއްޔެ ޖަމައިކާގައި ހެއިޓީގެ ހާލަތާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެވެ.

ހެންރީ މިހާރު ހުންނެވީ ކެރީބިއަންގެ ރަށެއް ކަމަށްވާ ޕުއެރްޓޯ ރީކޯގައި ތާށިވެފައެވެ. ހަތިޔާރު އެޅި ގޭންގުތަކުން އަންނަނީ އޭނާއަށް އެނބުރި ގައުމަށް ދިއުމަށް ހުރަސް އެޅުމުންނެވެ.

އަރިއެލް ހެންރީ ވިދާޅުވީ ގޭންގުތަކުން ހިންގަމުންގެންދާ ޖަރީމާތައް ނުހުއްޓުވި ގައުމަށް އިތުރަށް ލިބިދާނެ ގެއްލުމަކަށް ބަލައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން ކަމަށެވެ. އަދި ހެއިޓީއަށް ހަމަޖެހުން ގެންނަށް ބޭނުން ކަމަށާއި އިސްތިއުފާ ދިނުމަކީ މި ދަނޑިވަޅުގައި ގައުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަހަރެން އެދެނީ ހެއިޓީގެ ހުރިހާ ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ސުލްހައާއި ހަމަޖެހުން ގެނައުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން," އިސްތިއުފާ އިއުލާން ކުރައްވައި ދެއްވި ވީޑިއޯ ހިތާބުގައި ހެންރީ ވިދާޅުވި އެވެ.

ހެއިޓީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ގައުމުގެ ރައީސް ޖުވެނެލް މޮއިސް ވަނީ އަވަހާރަ ކޮށްލާފަ އެވެ. އެއަށްފަހު، އެ ގައުމު ވަނީ ސިޔާސީ އަދި އިގުތިސޯދީ ވަޅުގަނޑަކަށް ވެއްޓިފައެވެ. އަދި ކުރީގެ ރައީސް ޖުވެނެލް އަވަހާރަކޮށްލުމާ ގުޅިގެން ޖުލައި 2021 އިން ފެށިގެން ވަގުތީ ގޮތުން ގައުމާ ހަވާލުވެހުންނެވި ހެންރީ ވަނީ ތަކުރާރުކޮށް ހެއިޓިގެ އިންތިހާބު ފަސްކޮށްފަ އެވެ. 

ހެއިޓީގައި ގޭންގުތަކުގެ ބާރު ގަދަވެފައިވާއިރު، ދާދި ފަހުން އެ ގައުމުގެ މައި ޖަލު ފަޅާލައި އެތައް ހާސް ގައިދީންނެއް ވެސް ވަނީ ފިލާފައެވެ. އަދި، ގޭންގުތަކުން ބުނަމުން ދިޔައީ ހަމަނުޖެހުން ހުއްޓާލާނީ ހެންރީ މަގާމުން އިސްތިއުފާ ދިނުމުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަލު ފަޅާލުމުގެ ތެރޭގައި ފަސް ޖަލު އޮފިސަރުން މަރުވެފައި ވާއިރު، ދިހަ އޮފިސަރުން ވަނީ ޒަހަމްވެފަ އެވެ. އަދި 4 ގައިދީއަކު ވަނީ ފިލަން އުޅުމުގެ ތެރޭގައި މަރުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަލުން ފިލި ގައިދީންގެ ތެރޭގައި 2021ވަނަ އަހަރު ހެއިޓީގެ ކުރީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުން ވެސް ހިމެނެއެވެ.

ހެއިޓީގެ ވެރިރަށް ޕޯޓް އައު ޕްރިންސްގައި ހުންނަ އެ ގައުމުގެ މައި ޖަލަށް ހަތިޔާރު އެޅި ގޭންގުތަކުން ވަދެ ބޮޑެތި ކުށްވެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު މިނިވަން ކޮށްފައި ވަނީ ޖަލު އޮފިސަރުންނަށް ހަމަލާދީގެންނެވެ.

ހެއިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، އެ ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކެންޔާއިން ވަނީ 1000 ސިފައިން ވެސް ފޮނުވާފަ އެވެ. އަދި، އަވަށްޓެރި އެހެން ގައުމުތަކުން އަންނަނީ އެ ގައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް