ހޯމް ލޭންޑް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އާއްމުން އަންނަނީ ފާޅުކުރަމުންނެވެ.
މ. ސްޓަރކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމައި ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުން ދެނެގަތުމަށް ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައި ވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އަދި މި އޮޕަރޭޝަން ހިންގާފައިވަނީ އެ މިނިސްޓްރީގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޒަން ގުޅިގެން ކަމަށް އެ އެ މިނިސްޓްރީން ބުނެ އެވެ.
އިމިގްރޭޝަންގެ ބަޔާނުގައިވާ ގޮތުން އެ ހަތް މީހުންނަކީ ވެސް ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރި މީހުންނެވެ. އަދި އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި ވިސާގެ ހުއްދައިގެ ބޭރުން މަަސައްކަތްކުރާ ބިދޭސީން ވެސް ހިމެނެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްފަހު ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ހިންގަން ފަށާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.