ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ރޯދައިގެ ފަހުން ބާއްވާ އިންތިހާބުގައި ހއ. ކެލާ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޣާލިބު ކެމްޕޭނުގައި ހއ. ކެލާ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ޝާހިދު ރޭ ވިދާޅުވީ މިއީ އެންމެ އަވަހަށް ރައްޔިތުންގެ ނުރުހުން އަމާޒުވި ސަރުކާރު ކަމަށާއި މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި ހުފެންތަކަކީ ދޮގުކަން ރައްޔިތުންނަށް މިއަދު އެނގި ހާމަވަމުންދާ ކަމަށެވެ.
ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅު ކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވައި ޝާހިދު ވިދާޅުވީ އެމްޑީޕީން ނުކުމެ ތިބީ ދޮގުތަކަށް ފުރުސަތު ނުދޭން ކަމަށެވެ. ރާއްޖޭގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް ޓަކައި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން އޭނާ ގޮވައިލެއްވި އެެވެ.
ދޮގެއްގެ މައްޗަށް ހެވެއް ބިނާވެގެން ނާންނާނެ ކަމަށާއި ދޮގެއްގެ މައްޗަށް އަންނާނެ އެއްޗަކީ ދޮގު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ މަޅީގައި ސަރުކާރު ޖެހި ސަލާމަތް ނުވެވިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށާއި މިހާރު އަބަދު ސަރުކާރަށް ޖެހިފައިވަނީ ދޮގު ހެދުމާއި އޮޅުވާލަން ކަމަށްވެސް ވިދާޅުވި އެވެ.