20 ވަނަ މަޖިލީހުގެ މަކުނުދޫ ދާއިރާއަށް އެމްޑީޕީން ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާއީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގެ ވިސްނުންފުޅަށް ތާއިދު ނުކޮށް ބައިއަތު ނުހިފާ މީހުންނަކީ ދިވެހިން ނޫން ކަމުގައި މިސަރުކާރުގެ އިސް ބޭފުޅުން ބުނަން ފަށާފައިވާ ކަމަށެވެ.
އަބަދުވެސް އަޅުގަނޑުމެންނައް ވިސްނާދެވިފައިވަނީ ދިވެހިންނަކީ އެއް ނަސްލެއްގެ އެއް ދީނެއްގެ އެއް ބަޔެއް ކަމަށާއި ދިވެހިންގެ މެދުގައި އެއްވެސް ވަރަކަށް ބައިބައިވުމެއް ނުވާ ކަމަށް އަބަދުވެސް އަޑުއިވެމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅަށް ބަލާލިޔަސް މި ގޮތަށް ނަފްރަތު އުފެއްދުމުގެ ސަބަބުން ބޮޑެތި ގަތުލްއާމްތައް ހިންގާފައި ހުރި ގައުމުތައް ވަކި މަދެއް ނޫން ކަމަށާއި މި ސަރުކާރުން އިންދަމުން ގެންދާ ފިތުނައިގެ އޮށަކީ ދުނިޔޭގެ އެތަށް ގައުމުތަކެއް ހަލާކުވުމުގެ އެންމެ ބޮޑު އެއް އަސްލުކަަމަށެވެ.
ސަރުކާރުގެ އިސްވެރިން މި ފަދަ ވާހަކަ ދައްކަވާއިރު ރައީސް ހަނު ހުންނަވައިގެން އަތް ޖަހަން ނީންނެވުމަށް ޝާހިދު ރައީސް އަށް ގޮވާލެއްވި އެވެ.
ރައީސް ޑރ. މުއިއްޒަކީ މި ދިވެހިރާއްޖޭ ގެ ރައީސް އަށްވާ އިރު މި ގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހިފެހެއްޓުމަކީ ޑރ. މުއިއްޒު އާއި ރައްޔިތުންނާއި ހަވާލުކޮށްފައިވާ ވާޖިބެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރާއްޖެ ބައިބައިކޮށްލާ ގައުމުތެރޭގައި ނަފްރަތު އުފެއްދުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވަމުން ޝާހިދު ވިދާޅުވީ އެކަންކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށެެވެ.
މިއަދު ރައީސް އަދި ސަރުކާރުގެ އިސްފަރާތްތަކަކީ އެއްގޮތަކަށްވެސް މަގުމަތީގައި މުޒާހަރާ ކުރަން ނިކުން އެކްޓިވިސްޓުންނެއް ނޫން ކަމަށާއި އެ ބޭފުޅުން ދިވެހި ރައްޔިތުން ގޮވައިގެން ކުރިޔަށް ދާން ޖެހޭ ބަޔެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.