ރޯދަ ބާޒާރުން މިއަދު އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ އެތަނުގައި އަތުރާލާފައި ހުރި ތާޒާ، ފަލަ ރަތްމަސްތަކެވެ. އަގުތަކަށް ބަލާއިރު ފޫޓެއް ހަމަވާވަރުގެ ތާޒާ ރަތްމަހެއް އުޅެނީ ގާތްގަނޑަކަށް 120-150 ރުފިޔާ އަށެވެ. ގާތްގަނޑަކަށް ދޮޅުފޫޓު ހުންނަ ވަރުގެ ރަތްމަހެއް 200 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކާ އިރު ދެފޫޓަށްވުރެ ބޮޑު ރަތްމަހެއް ވިއްކަނީ 500-350 ރުފިޔާ އަށެވެ.
މަސްމާރުކޭޓުގައި ރަތްމަސް ވިއްކަން ހުރި މަސްވެރިއަކާ ވާހަކަ ދައްކާލުމުން ބުނީ، "ރޯދި ހުރި ތަނެއްގައި ޖެއްސުމުން ރަނގަޅު މަސްގަނޑަކާ ލައްވާލީ،" ކަމަށެވެ. އޭނާ ބުނި ގޮތުގައި ތ. އަތޮޅު ހިސާބުގެ ފަރުތަކުން މިހާރު ފަރުމަސްވެރިކަން ރަނގަޅެވެ. ކުރިއަށް އޮތް ދެތިން ދުވަހެއްގައި ފަރުމަސް ލިބޭނެކަމަށް އޭނާ ބުންޏެވެ.
ދެން މިއަދު މަސްމާރުކޭޓުގައި ހާއްސަވަނީ އެތަނުގައި އަތުރާލާފައި ހުރި ތާޒާ، ބޮޑެތި ހަނދިތަކެވެ. އަގުތަކަށް ބަލާއިރު ފޫޓެއް ހަމަވާވަރުގެ ތާޒާ ހަންޖެއް އުޅެނީ ގާތްގަނޑަކަށް 300--200 ރުފިޔާ އަށެވެ. ގާތްގަނޑަކަށް ދޮޅުފޫޓު ހުންނަ ވަރުގެ ހަންޖެއް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކާ އިރު ދެފޫޓަށްވުރެ ބޮޑު ހަންޖެއް ވިއްކަނީ 700-500 ރުފިޔާ އަށެވެ.
ފަރުމަހުގެ އެހެން ބާވަތްތައް މާރުކޭޓުގައި މިއަދު މަދެވެ. އެގޮތުން ގިއުޅު، ތޮޅި، ގިނިމަސް އަދި ފިލޮޅު ފަދަ މަސްތައް ވަރަށް މަދެވެ. ކުރު މަސް ކޮންމެވެސް ވަރަކަށް ހުރި އިރު، ކުރު މަހެއް ވިއްކަނީ 700 ރުފިޔާ އާއި 800 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ކަނޑުމަހުގެ ބާވަތްތަކަށް ބަލާލާ އިރު މިއަދު ބާޒާރުގައި ލައްޓި ތިޔާގިކަން ފާހަގަކޮށްލެވެ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ބާޒާރުގައި ލައްޓި މަސް މަދެވެ. މިއަދު ގާތްގަނޑަކަށް ފޫޓެއް ހަމަވާވަރުގެ ލައްޓި ފުދޭވަރަކަށް ގިނައިން ލިބެން ހުރި އިރު، 20 ރުފިޔާ އަށް ފޫޓެއް ހަމަނުވާ ވަރުގެ ތާޒާ ލައްޓިއެއް ވިއްކަ އެވެ.
ގާތްގަނޑަކަށް ފޫޓެއް ހަމަވާވަރުގެ ކަނޑުމަހެއް 35 ރުފިޔާއަށް މަހެއް ވިއްކާ އިރު، ކިރާފައި ކިލޯއެއް ވިއްކަނީ 35 ރުފިޔާ އާއި 45 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ދެ ކަނޑުމަސް ގަންނަ ނަމަ ފޫޓެއް ހަމަނުވާވަރުގެ ދެމަސް 80 ރުފިޔާ އަށް ވިއްކަ އެވެ.
ކަންނެލި މަހަށް ބަލާލާއިރު މީގެކުރިން މަސް މާރުކޭޓުން މި ރޯދަމަހު ނުފެންނަ ކަންނެލީގެ ބާވަތެއްކަމަށްވާ ލޯބޮޑު ކަންނެލި ލިބެން އެބަހުއްޓެވެ. އެ މަހުގައި ގާތްގަނޑަކަށް ފޫޓެއް ހަމަވާއިރު އެއީ އާދައިގެ ރީންދޫ އުރަހަ ކަންނެއްޔަށް ވުރެ ފަލަ މަހެކެވެ. އެއިން މަހެއް ވިއްކަނީ 50 ރުފިޔާ އަށް ކިލޯއެކެވެ.
މަސްވެރިން ބުނީ މަސްވެރިކަން މި ދުވަސްވަރު ގޯސް ނޫން ކަމަށެވެ.