ads
އިހުސާސް ޕްރޮގްރާމްގެ ތެރެއިން…
ފާޑުކިޔުން ބޮޑުވުމާއެކު "އިހުސާސް" ޕްރޮގްރާމްގެ ކޮންޓެންޓް ބަލަން ފަށައިފި
ދައުލަތުގެ މީޑިއާއިން ރޯދަ މަހު ގެނެސްދެމުން އަންނަ "އިހުސާސް" ޕްރޮގްރާމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ނިކަމެތިކަން އިހުސާސްވާ ފަދަ ގޮތަކަށް ސުވާލުކުރި ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށުމުން، އެ ޕްރޮގްރާމްގެ ކޮންޓެންޓް ބަލަން ފަށައިފި އެވެ.
Advertisement

އިހުސާސް ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ގެނެސްދިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހުޅަހަޅައިދެނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި މަރިޔަމް ނަމްޒާ އެވެ.

އެ ޕްރޮގްްރާމްގައި ނަމްޒާ ކުރި ސުވާލަކުން އެ ކުއްޖާ އާއި އާއިލާ ރޮއްވާލާފައިވާއިރު، އެކަންކުރީ އާންމުންގެ ސަމާލުކަން ހޯދުމަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެ ޕްރޮގްރާމްގައި އެފަދަ ސުވާލުތައް ކުރީތީ ޝޯގެ ބޭނުމާ ގުޅޭ ގޮތުން ވެސް މީހުން ވަނީ ސުވާލު އުފައްދައި، މީސް މީޑިއާގައި ނަމްޒާއަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

"ތަނެއްގަ އަމިއްލަ ބާރުގަ އިށީންދެލައިގެންނެއް ނީނދެވޭނެ ދޯ؟ ކޮޅަކަށް ނުހުރެވޭނެދޯ؟ އީޝާއަކީ ދުވަހަކުވެސް އާތިކާއާ ނުލާ އުޅެވޭނެ ކުއްޖެއް ނޫން ދޯ؟" ހާއްސަ އެހީއަށް ބޭނުންވާ އެ ކުއްޖާއާ ބެހޭގޮތުން އެ ކުއްޖާގެ މަންމައާ ނަމްޒާ ސުވާލުކުރި އެވެ.

އެ މައްސަލައާ ގުޅިގެން އެ ޕްރޮގްރާމް ހުއްޓާލުމަށް ޕީއެސްއެމްއިން އަދި ނިންމާފައެއް ނުވެ އެވެ. ނަމަވެސް ފާޑުކިޔުންތަކާ ގުޅިގެން ދެން އެ ޕްރޮގްރާމް އަލުން ދައްކާނީ ކޮންޓެންޓް ކޮމިޓީން އެ ޕްރޮގްރާމްގެ ކޮންޓެންޓް އިތުރަށް ބެލުމަށްފަހުގަ އެވެ.

ނަމްޒާގެ އެ ސުވާލުތަކާ ގުޅިގެން މީީސް މީޑިއާގައި މީހުން ވަނީ ނުކުޅެދޭ ކުއްޖެއްގެ ނުކުޅެދުންތެރިކަން އެ ކުއްޖާ އާއި އާއިލާއަށް އިތުރަށް ބުނެދީ، އެމީހުންގެ ބަދުނަސީބު ހާލަތު އިތުރަށް ކިޔައިދިން ކަމަށް ބުނެ ނަމްޒާއަށް ފާޑުކިޔާފަ އެވެ. އަދި ދައުލަތުގެ މީޑިއާއިން އެެ ފަދަ ޕްރޮގްރާމެއް ދައްކަން ހެޔޮނުވާނެކަމަށް މީހަކު ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ބައެއް މީހުން ބުނި ގޮތުގައި ނަމްޒާ މަސައްކަތް ކުރީ ޕްރޮގްރާމުގެ ތެރެއިން އާއިލާ ރޮއްވާލައި، މީހުންގެ ސަމާލުކަން ޕްރޮގްރާމަށް ހޯދުމަށް ކަމަށެވެ.

މީސް މީޑިއާގައި އިންތިހާއަށް ފާޑުކިޔުންތައް ބޮޑުވެ، ނަމްޒާ މިހާރު ވަނީ އޭނާގެ ޓްވިޓާ އެކައުންޓް ވެސް ޑިއެކްޓިވޭޓް ކޮށްލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް