ވެޓެރަންސް ލީގު 2024 މުއިވެޔޮ ފްރެންޑްސް ހޮނިހިރު ދުވަހު މޮޅުވީ، ފަހަތުން އަރައި ލެގޫންސް ސްޕޯޓްސް ކުލަބު އަތުންނެވެ. ގްރޫޕް ބީގެ މެޗު މުއިވެޔޮއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މުއިވެޔޮ ޓީމުގެ ކެޕްޓަންކަން ކުރެއްވީ، ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފުއެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލެގޫންސްގެ މުޙައްދު ޝިރާޒްގެ ލަނޑުން އެ ޓީމުން ލީޑު ނެގި ނަމަވެސް، ނައިބު ރައީސް ޓީމުން ފަހުންވަނީ ތިން ލަނޑު ޖަހާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި މުއިވެޔޮއިން ވަނީ ނަތީޖާ އެއްވަރުކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ސައީދު (އައްމަޓީ) އެވެ. އަދި ޕެނަލްޓީއަކުން ޖެހި ދެ ވަނަ ލަނޑާއެކު ލީޑު ނަގައިދިނީވެސް އައްމަޓީއެވެ. ފަހު ލަނޑު މެޗު ނިމެން ކައިރިވެފައިވަނިކޮށް، ޖެހީ ނައިބު ރައީސް ހުސެއިންއެވެ. މިވެސް ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ.