އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ޑިޒައިނަށް ބަދަލުތަކެއް ގެނައި ނަމަވެސް މުޅި އިމާރާތަށް ބަދަލު އަންނަ ވަރުގެ ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމަށެވެ. އިމާރާތުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހުނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ސާވޭ ކުރިއިރު ބިމުގައި ލޭންޑް ފިލްކުރަން ނުވަތަ ޝީޓްޕައިލް ކުރަން ޖެހޭތީ ކަމަށްވެސް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ނިންމާފައިވަނީ 6 ފަންގިފިލާއަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ މަޝްރޫއުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް 10 ފަންގިފިލާއަށް އެޅުމަށް ނިންމާފަ އެވެ. މިތަނުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2 އަހަރު ދުވަހުން މި ސްކޫލުގެ މަސައްކަތް ނިންމާލުމެވެ.
މީގެ ނުވަ އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އެ ސްކޫލު ހުސްކުރި އެވެ. ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި އޭގެ ފަހުން ދުވަސްތަކެއް ވަންދެން ކިޔަވައި ދިނެވެ. އަރަބިއްޔާގެ ކުދިންނަށް މިހާރު ދޫކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލްގެ ކުދިން ބޭނުންކުރި ވަގުތީ އިމާރާތެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާ އިމާރާތް އަޅަން ދިނީ ބާ ޖަމާލުއްދީން ހުރި ބިމެވެ. ނަމަވެސް މި ސަރުކާރު އައިސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށިގައި އެ އިމާރާތް އެޅުމަށް ބަދަލު ކުރައްވައިފަ އެވެ. އަދި އެއީ އަރަބިއްޔާގެ ދާއިމީ ބިން ކަމަށް އެ މަނިކުފާނު ވަނީ ނިންމަވައިފަ އެވެ.
އަރަބިއްޔާ ސްކޫލްގެ ކުދިންނަށް އާ އިމާރާތެއް ނުލިބި، އެއްތަނުން އަނެއް ތަނަށް ބަދަލުވުން އާންމުވުމުން އެ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާ މިދިޔަ ސަރުކާރުގައި ވަރަށް ބޮޑުވި އެވެ. އެހެންވެ، ރައީސް މުއިއްޒު ވެރިކަމުގެ ކެމްޕެއިންގެ ތެރޭގައި ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމެވެ.