ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާހުކުރުމާއި 24 ގަޑިއިރު ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ބޭނުންކުރަން ފެށުން ފަދަ ކަންކަން މީގެ ކުރީގެ ސަރުކާރު ތަކުގައި ނުވެފައި އޮތީ ސިޔާސީ ފިކުރާއި ވިސްނުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވި ގޮތުގައި އެއް ފިކުރެއްގެ ބަޔަކު ދެކޭ ގޮތުގައި އެހެން ގައުމަކުން ބޭނުން ވެއްޖެ ނަމަ ރާއްޖެއަށް އެރިދާނެ ކަމުގަ އެވެ. މިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ނިސްބަތް ކުރައްވާ މަތީން ވިދާޅުވީ، އަވަށްޓެރި އިންޑިއާގެ އަސްކަރިއްޔާ ބޮޑުވެފައި އަދަދުގެ ގޮތުން ގިނަވުމުން އެ ގައުމު ބޭނުންވެއްޖެ ނަމަ ރާއްޖެއަށް އެރިދާނެ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
އޭގެއިތުރުން އޭރުގެ ފޮރިން މިނިސްޓަރު އިންނެވި ޓީވީ ޕްރޮގްރާމެއްގައި ރާއްޖެއަށް އަރާ ވާހަކަ ދެކެވުނުއިރު އެކަމާ ގުޅިގެން ރާއްޖޭގެ ދިފާއުގައި އެ ބޭފުޅާ ވާހަކަ ނުދައްކަވާ ކަމުގައި ވެސް މަތީން ފާހަގަކުރެއްވި އެވެ.
މަތީން ވިދާޅުވީ އޭރު މައްސަލައަކަށް ވެފައި އޮތީ ސަރުކާރުން އެފަދަ ވިސްނުމެއް ގެންގުޅުން ކަމަށާއި، ނުކުރެވޭނެ ކަމަށް ހީކޮށްގެން ދޫކޮށްލާ ކަންކަން ހުންނާނީ ނުވެ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން އެކަންކަން ބަދަލުކުރައްވައި، އަސްކަރިއްޔާގެ ގާބިލުގަން އެހެން ގައުމަކަށް ބަރޯސާކުރުވުން ނިމުމަކަށް ގެންނަވާފައި ވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަތީން ވިދާޅުވި ގޮތުގައި އޭރުގެ ސަރުކާރުން ދިވެހި އަސްކަރިއްޔާގެ ކަންކަމުގައި ވެސް ބޭރުގެ ގައުމަކަށް ބަރޯސާ ވެ، އެ ގައުމުން ރާއްޖެ ހިފޭނެ ކަމަށް ވާހަކަ ދެއްކި ކަމުގައި ވިއަސް، އެފަދަ ގޮތަކަށް އެއްވެސް ގައުމަކަށް ރާއްޖެއަށް ނޭރޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކަންކަން ހިނގަމުންދަނީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނުތަކުގެ ދަށުން ކަމަށާއި، ހަތިޔާރު ހިފައިގެން އެއް ގައުމު އަނެއް ގައުމަށް އަރައިގަތުމަކީ މިހާރު އޮންނަ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން މަތީން ވިދާޅުވީ ޕޯޗުގީޒުންނަކީ ބަލި ނުކުރެވޭނެ ބައެއް ކަމަށް ގަބޫލުކޮށް އެ ދުވަހު ބޮޑު ތަކުރުފާނު ޖިހާދަށް ނުކުމެވަޑައިނުގެން މަޑުކުރެއްވި ނަމަ މިއަދު މި ގައުމުގެ މިނިވަންކަން ވެސް ނެތީސް ކަމަށެވެ. އަދި އެ ކަމުން ވެސް ދޭހަވަނީ ކާމިޔާބުވާނެ ކަމަށް ގަބޫލުކޮށްގެން އިތުބާރާއި ހިތްވަރާއެކު މަސައްކަތް ކުރުމުން އެކަމެއް ހާސިލްވާނެކަން ކަމުގައި މަތީން ފާހަގަކުރެއްވި އެވެ.
މަތީން ވިދާޅުވީ މީގެ ކުރިން ދިވެހީންނަށް ބޮޑެތި ކުންފުނިތައް ވެސް ނުހިންގޭނެ ކަމަށް ގަބޫލުކޮށް އެއާޕޯޓު ވެސް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމުގެ ސަބަބުން ނުހަނު ބޮޑު ގެއްލުމެއް ލިބިގެންދިޔަ ކަަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމުގައި ވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހަރަކާތްތެރިވީ ދިވެހިން ކަމަށް ވުމާއެކު، ދިވެހީންނަށް ކަންކަން ނުވާނެ ކަމަށް ގަބޫލު ކުރުމަކީ ގޯސް ވިސްނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަތީން ވިދާޅުވި ގޮތުގައި އަވައްޓެރި ގައުމުތަކާއެކު ގުޅުން ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށާއި، ނަމަވެސް އެ ގުޅުމުގައި ވެސް ހައްދެއް އޮންނަން ވާނެ ކަމުގަ އެވެ. އަދި އަވައްޓެރި ގައުމަކުން ވެސް ރާއްޖެއިން ކުރަހާފައިވާ ރަތް ރޮނގު ހުރަސް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.