ads
'ހީލިން ދަ އާތް' ގެ ނަމުގައި ބޭއްވި ވޯކްޝޮޕް - ފޮޓޯ:އެމްއެމްޕީއާރުސީ
އެމްއެމްޕީއާރްސީ ރިސްޓްރަކްޗާ ކޮށް، މާކެޓިންގް އިންވެސްޓްމެންޓް އިތުރުކުރަންޖެހޭ: މަޓާޓޯ
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމްޕީ.އާރ.ސީ) ރިސްޓްރަކްޗަރ ކޮށް، މާކެޓިންގަށް ކުރާ އިންވެސްޓްމެންޓް މިހާރަށްވުރެ ތިންގުނަ އިތުރުކުރަން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފި އެވެ.
Advertisement

މިހާރު ސަރުކާރުން ގެންގުޅެމުންދާ ޒަމާންވީ އެސް.އޯ.އީ މޮޑެލް މުޅިން ބަދަލުކުރުމަށް މަޓާޓޯއިން ކުރިންވެސް ގޮވާލަމުންއައި ގޮވާލުން އިތުރަށް އަޑުގަދަކޮށް، މިކަމަށް އަވަސްވެގަތުމަށް މަޓާޓޯއިން އިލްސިމާސްކޮށްފި އެވެ.

ދައުލަތުން ޖީޑީޕީ 12 ބިލިއަން ޔޫއެސް ޑޮލަރަށް ވާސިލްކުރުމަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި، އަދި ދިވެހިރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމުގެ ސިނާއަތަށް މިހާބޮޑަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް އިތުރު އަހައްމިއްޔަތެއް ދިނުމަކީ ދެމެހެއްޓެނިވިކޮށް މިސިނާއަތް ފުޅާކޮށް ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވައި އަދި އިގްތިސާދު ހަމަޖެހުން ގާއިމްކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް މަޓާޓޯއިން ބުނެ އެވެ.

މިކަމަށް ބަލާއިރު، މަޓާޓޯއިން 2017 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، "އިމްޕޯޓަންސް އޮފް ޑެސްޓިނޭޝަން މާކެޓިންގް" ގެނަމުގައި ނެރެފައިވާ ޚާއްސަ ރިޕޯރޓްގައި ވެސް އަލިއަޅުވާފައިވާނޭފަދައިން، ވޭތުވެ ދިޔަ އަހަރުތަކުގައިވެސް މަންޒިލް މާކެޓްކުރުން އެއީ އެހެން ހުރިހާކަމަކަށްވުރެ މުހިއްމުކަމެއްކަމުގައި މަޓާޓޯއިން ވާނީ ތަކުރާރުކޮށް ގޮވާލާފަ އެެވެ.

ރާއްޖެއާއި ވާދަކުރަމުން އަންނަ ބައެއް ގައުމުތައް ކަމުގައިވާ، ސްރީލަންކާ، މޮރިޝަސް އަދި ސީޝެލްސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް ގިނަގުނަ ތަފްސީލީ ހޯދުން ތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މިރިޕޯޓުގައި، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް ސަލާމަތްތެރި "ހޭވަން"އެއް ގޮތުގައި އިޝްތިހާރުކުރުން އިތުރަށް ފުޅާކުރުމުން ލިބޭނެ ގިނަ ގުނަ ފައިދާތައް ތަފްސީލްކޮށް ބަޔާންކޮށްދީފައިވާނެކަމަށް މަޓާޓޯއިން ބުނެ އެވެ. 

މިރިޕޯޓުއެކުލަވާލާފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުން ކަމުގައިވާ، ސީއެންއެން އިންޓަރނޭޝަނަލް، ޓީޓީޖީ އޭޝިއާ އަދި ޕާޓާ އާއި މަޓާޓޯއިން ބޭއްވި މޯލްޑިވްސްް ޓްރެވަލް ކޮންފަރަންސްގައި ކުރެވުނު ބަހުސްތަކުގެ އަލީގަކަމަށް މަޓާޓޯއިން ބުނެ އެވެ. 

ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި އާންމު އަދި އަމިއްލަ ސެކްޓަރުން ކޮށްފައިވާ މަސައްކަތް ނުހަނު ގިނަކަމަށް މަޓާޓޯއިން ގަބޫލުކުރާކަމަށާއި  ޚާއްސަކޮށް ޕެންޑަމިކްގެ ތެރޭގައި ލިބުނު އެއްބާރުލުން އިތުރަށް ފާހަގަ ކޮށް، މިއަދު ފެންނަމުންދާ ނަތީޖާއަކީ ވޭތުވެ ދިޔަ 3 އަހަރުގެ ބުރަ މަސައްކަތާއި ހޭދައިގެ ފޮނި ނަތީޖާކަމަށް މަޓާޓޯއިން ބުނެ އެވެ. 

މަޓާޓޯއިން ބުނި ގޮތުގައި މިވަގުތު އެމް.އެމް.ޕީ.އާރ.ސީގެ ބޯރޑްގައި އިންޑަސްޓްރީ ތަމްސީލްކުރާ މަންދޫބުން މަދުކަމާއި ބޯޑު މެމްބަރުންގެ އިންޑަސްޓރީގެ ތަޖުރިބާ މަދުކަމަށެެވެ.  

އެހެންކަމުން، މަޓާޓޯއިން ގޮވާލަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހޯދަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި، ހާއްސަކޮށް އެހެން ގައުމުތަކުގެ ވާދަވެރިކަމަށް ބަލައި، އިޝްތިހާރުކުރުމަށް އިތުރު އަހައްމިޔަތުކަމެއް ދީގެން މިހާރު ޑެސްޓިނޭޝް މާކެޓިންގްއަށް ކުރަމުން އަންނަ ހަރަދު ތިންގުނައަށް އިތުރުކުރުމަށް އެ ޖަމިއްޔާއިން ބުނެ އެވެ. 

ލޯ ސީޒަނަށް ދިމާކޮށް "ސަމަރ ކެމްޕެއިން" ފަދަ "ޓާރގެޓެޑް ކެމްޕެއިން"އަށް ސަމާލުކަންދީގެން ކުރިއަށްގެންދިއުމަށާއި ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޗުއްޓީގައި ދިގު މުއްދަތު ހޭދަކުރާ ފަރާތްތަކަށް ސަމާލުކަންދީގެން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ އެވެރެޖް މުއްދަތު އިތުރުކުރުމުގެ މުހިއްމުކަމަށްވެސް މަޓާޓޯ އިން ބުނެ އެވެ

މަޓާޓޯއިން ބުނީ މިކަންކަން ހާސިލްކުރުމަށްޓަކައި މިހާރަށްވުރެ ރަނގަޅު މާކެޓިން އުކުޅުތައްބޭނުންކުރުމާއި، ހޯދާ ޑޭޓާގެ އަލީގައި އެކުލަވާލާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން މުހިއްމު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް