ads
އޭސީސީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފި އެވެ.

މިރިޕޯޓުގައި، ވޭތުވެދިޔަ އަހަރު ކޮމިޝަނުން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ އިތުރުން، ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅޭ މަޢުލޫމާތާއި، ނިންމި މައްސަލަތަކުގެ ތަފްސީލު ހިމަނާފައިވެ އެވެ 

 އަދި ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ މައުލޫމާތުގެ އިތުރުން ކޮމިޝަނުން ކުރާ ތަހުގީގުތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިސްލާހުކުރުމަށް އަންގާފައިވާ އެންގުންތަކުގެ ތަފްސީލު ހިމަނާފައިވާނެއެވެ. 

2023 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނަށް 1151 ޝަކުވާ ހުށަހަޅާފައިވާއިރު އޭގެތެރެއިން % 56 ޝަކުވާ ރަޖިސްޓަރީކުރެވިފައި ވާކަމަށާއި  އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ 610 ޝަކުވާއާއި، ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވާ 40 ޝަކުވާ އަދި ކޮމިޝަނުން އިސްނަގައިގެން ބަލަންފެށި މައްސަލަތަކާއި ސްޕްލިޓްކޮށް ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް ހިމެނޭހެން ޖުމުލަ 742 މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓަރީކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ޕްރިލިމިނަރީ ތަހުގީގު މަރުހަލާއަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 365 މައްސަލައެއްގެ ޕްރިލިމިނަރީ ތަހުގީގު ހިންގާފައިވާ ކަމަށާއި ޕްރިލިމިނަރީ މަރުހަލާއިން ނިންމައި އިތުރަށް ތަހުގީގުކުރަން 48 މައްސަލަ އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް ފޮނުވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. 

"ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ކޮމިޝަނުން އެންމެ ގިނަ މައްސަލަ ތަޙުޤީޤު މަރުހަލާގައި ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގަ. އެގޮތުން، ޖުމުލަ 220 މައްސަލަ މި މަރުހަލާގައި ނިންމާފައިވޭ. މީގެތެރެއިން, ދައުވާކުރުމަށް 18 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭ." އޭސީސީން ބުނި އެވެ.

ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމަކީ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތަކަށް ނުވި ނަމަވެސް، ކޮމިޝަނުން އަންގާ އެންގުންތަކާ އެއްގޮތަށް ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ލިބޭކަން ކަށަވަރުކުރުމަށްޓަކައި ކޮމިޝަނުން އިސްނަގައިގެން، އެންގުންތަކުގެ ފޮލޯއަޕް ހެދުމުގެ މަސައްކަތް ކުރެވުނު ކަމަށާއި 2023 ވަނަ އަހަރު 15 މައްސަލައެއްގައި ހިމެނޭ ޖުމްލަ 74,159,720.53 ރުފިޔާ (ހަތްދިހަ ހަތަރު މިލިއަން އެއްލައްކަ ފަންސާސް ނުވަ ހާސް ހަތް ސަތޭކަ ވިހި ރުފިޔާ ފަންސާސް ތިން ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މި މައްސަލަތަކުން ދައުލަތަށް ހޯދަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް، ޖުމްލަ 234,531.57 ރުފިޔާ (ދެ ލައްކަ ތިރީސް ހަތަރު ހާސް ފަސްސަތޭކަ ތިރީސް އެއް ރުފިޔާ ފަންސާސް ހަތް ލާރި) ދައުލަތަށް އަނބުރާ ހޯދިފައިވެއެވެ.

ވިޔަނުދިނުމުގެ ދާއިރާއިން 2023 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ދައުލަތުގެ މުވައްޒަފުންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކޮމިޝަނުން ހިންގާފައިވާ 71 ހޭލުންތެރިކުރުމުގެ ސެޝަންގައި، ޖުމުލަ 2508 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކަށް ބަލާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރަޕްޝަނާ މެދު އާންމުން ދެކޭ ގޮތާއި ކޮރަޕްޝަނުގެ ކުށުގެ މައްޗަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް "ނޭޝަނަލް ކޮރަޕްޝަން ޕަސެޕްޝަން ސާވޭ" ގެ ނަމުގައި ގައުމީ ފެންވަރުގައި އެކުލަވާލައި، އާންމުކޮށްފައިވާ ދިރާސާ ފާހަގަކޮށްލެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ކޮމިޝަނުން 2023 ވަނަ އަހަރު ކޮށްފައިވާ ހާއްސަ މަސައްކަތްތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި  އެންޓި-ކޮރަޕްޝަން  ދާއިރާއިން ފަންނީ މީހުން ބިނާކުރުމުގެ މަގުސަދުގައި މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ އުފައްދައި އިފްތިތާހްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.  އަދި "މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" ގާއިމުކުރެވިގެން ގޮސްފައިވަނީވެސް ވޭތެވެދިޔަ އަހަރުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް