ads
ފުށިދިއްގަރު ފަޅު ހިއްކަން ފެށުމުގެ ތެރެއިން
ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓާ ނުލަން: މުއްތަލިބު
ރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، މިވަގުތު އެ ސަރަހައްދުގެ ބިން ހިއްކުން ކުރިއަށް ނުދާ ކަމަށާއި ނަމަވެސް މަޝްރޫއު ހުއްޓިފައި ކަމަށް ބުނާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"ބަންޑު ވޯލް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސީއެމްސީ އާއި ނެދަލެންޑްސްގެ ބޮސްކާލިސްއާ އެކު އެއްބަސްވުންތަކެއް ހުރިކަމަށާއި ބޮސްކާލިސް އިން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރާއިރު، އެ މަސައްކަތުގައި ބޭނުން ކުރަނީ އެންމެ ޑްރެޖަރެއް ކަމަށެވެ.

އެ ކުންފުނީގެ ވިސްނުމަކީ ގުޅިފަޅު ހިއްކާ ނިމުމުން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެ ޑްރެޖަރު ބޭނުން ކުރުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މަސައްކަތް ފެށިއިރު، އެ ސަރަހައްދުން ވެލި ނެގުމަށް މާ ބޮޑު ސަރަހައްދެއް ސްޓަޑީކޮށްފައި ނެތްކަމަށާއި ކުރިން އޮތީ މަސައްކަތް ފަށާފައި ވެލި ހޯދުން ކުރިއަށް ގެންދަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މަސައްކަތް ކުރިއަށް ގެންދާ ވަރަށް ފުރަތަމަ ވެލި ނެގި ސަރަހައްދުގައި މަސައްކަތް ކުރިއަށް ގެންދާ މިންވަރަށް ވެލި ނެތުމުން، ވެލި ހޯދުން ފުޅާ ކުރަން ބޭނުންވާކަން އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރަސްމާލެ މަޝްރޫއުގެ ދަށުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށެވެ. އެ މަސައްކަތް ކުރާ ސީއެމްސީއަށް ފައިސާގެ ބަދަލުގައި އެ ސަރަހައްދުން 70 ހެކްޓަރުގެ ބިން ދޭނެ އެވެ.

ސީއެމްސީއަށް ދީގެން ފުށިދިއްގަރު ފަޅުން ހިއްކަނީ ޖުމްލަ 1،153 ހެކްޓަރުގެ ބިމެވެ.

އެ މަޝްރޫއު ބަލަހައްޓާ ހައުސިން ޑިވެލޮޕްމެެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް މީގެ ކުރިން ބުނެފައި ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓިފައިނުވާކަމަށާއި މިހާރު ކުރެވެމުން ދަނީ  ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް