މިއަދު ބާޒާރުގައި ކުރުނބާގެ އަގުތައް އުޅެނީ 40 ރުފިޔާއާއި 50 ރުފިޔާއިން މަތީގައި އެވެ.
މިދިޔަ ހަފުތާގައި ބާޒާރުގައި ކުރުނބާ ތިޔާގިނުވި ނަމަވެސް، ކުރުނބާ 30 ރުފިޔާއަށް ލިބެން ހުއްޓެވެ. އޭރު ކުރުނބާ ފުޅިއެއް 150 ރުފިޔާއަށް ލިބުނު ނަމަވެސް މިހާރު ފުޅިއެއްގެ އަގު ވަނީ 200އަށް އުފުލިފަ އެވެ.
މާލޭ ލޯކަލް މާރުކޭޓުގައި އާފަލައެއް މިހާރު 10ރ. ނުވަތަ 12ރ. އަށް ލިބެންހުރިއިރު، މާލޭގެ ރީޓެއިލް ފިހާރަތަކުން އާފަލައެއް ލިބެނީ 12ރ. އާއި 14ރ. އާ ދެމެދުގެ އަގެއްގަ އެވެ. މެންޑެރިން ކިލޯއެއްގެ އަގު އުޅެނީ 65ރ. އާއި 75ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މިއަދު ވެސް މާރުކޭޓުގައި ރޯދަ މަހު ފަނި ގިރުމަށް އާންމުކޮށް ބޭނުންކުރާ މޭވާގެ ބާއްވަތްތައް ގިނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ ކަރާ ކިލޯއެއް މިއަދު ލިބެން ހުރީ 15ރ. އާއި 20ރ. އަށެވެ.
ދިވެހި ޖުމްހޫރީ މޭވާ އަދިވެސް މާރުކޭޓުގައި ނެތްއިރު، މިއަދު އިންޑިއާ، ލަންކާ އަދި ޔުގާންޑާގެ ޖުމްހޫރީ މޭވާ ހުއްޓެ އެވެ. އަގު ހުރީ ކިލޯއެއް 140ރ. ގައި ހިފެހެއްޓިފަ އެވެ.
ދިވެހި އަނބު ކިލޯއެއް 150ރ. އަށް ލިބެންހުރިއިރު، އިންޑިއާ އަދި ތައިލެންޑް އަނބު ކިލޯއެއް ލިބެން ހުރީ 120ރ. އާއި 130ރ. އަށެވެ.
މިއަދު ބާޒަރުގައި އާދައިގެ ފަޅޯ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާއަށް ކިލޯއެކެވެ. މީގެ އިތުރުން ކާށީގެ އަގު 7ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ގަބުޅިއެއް ލިބެން ހުރީ 15ރ. އަށެވެ. އަދި ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 40ރ. އަށެވެ.