ads
އެމްޑީޕީގެ ކެމްޕޭން އިވެންޓެއްގައި ފައްޔާޒު ރޭ ވާހަކަ ދައްނަވަނީ
ކޮންގްރެސްއަށް މެޖޯރިޓީ ދީފި ނަމަ މީހުން ހައްޔަރުކުރަން ފަށާނެ: ފައްޔާޒު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންހާ ކޮންގްރެސް ޕާޓީއަށް ލިބިއްޖެނަމަ ސިޔާސީ މީހުން ވަގުތުން ހައްޔަރުކުރަން ފަށާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ރޭ އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަމަށާއި ކުރިން ރާއްޖެ އޮތް ގޮތަށް ރާއްޖެ ބަދަލުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޮޑެތި ދޮގުތަކެއް ހަދައިގެންކަން ރައްޔިތުންނަށް މިހާރު އެނގޭ ކަމަށާއި ސަރުކާރުން ދައްކާ ކޮންމެ ވާހަކައެއް އަދި ވައުދެއް ވެގެން ގޮސްފައިވަނީ ދޮގު ވައުދަކަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިކަން މިގޮތަށް އޮއްވާ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ދެން ފެންނާނީ އަނިޔާވެރިކަން ކަމަށާއި އިސާހިތަކު ސިޔާސީ މީހުން ހައްޔަރުކުރަން ފަށާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ އިސާހިތަކު އަޅުގަނޑުމެން ހައްޔަރު ކުރަން ފަށާނެ.. އެކަމަކާ ކަންބޮޑުވާނެ ކަމެއް ނެތް. އަޅުގަނޑުމެން ހައްޔަރު ކޮށްގެން ޖަލަށް ދާން ޖެހުނަސް އެއީ މައްސަލައެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަނިޔާވެރިކަމާ ދެކޮޅަށް، ހެޔޮވެރިކަން ކުރުމަށް މަސައްކަތް ކުރާ ޕާޓީ ކަމަށާއި އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބު ތާވަލުކޮށްފައި ވަނީ އަންނަ މަހު 21, އަށެވެ. އެމްޑީޕީން 90 ދާއިރާއަކަށް މިފަހަރުގެ އިންތިހާބުގައި ވާދަކުރެ އެވެ. އެ ޕާޓީގެ ކެމްޕޭނު ހަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުގައި މިހާރު ދަނީ ހިންގަމުންނެވެ. މިސްރާބު ހަމަ މަގަށް އަޅުވަން އެމްޑީޕީއަށް މަޖިލިސް ދޭންޖެހޭކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް