މާލޭ ރަށްވެހިންނަށް ގޯތި ދޭން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން 9001 ގޯތި ދޭން ނިންމިއެވެ. އޭގެތެރެއިން 1351 ގޯއްޗަކީ ހުޅުމާލެއިން ދޫކުރާ ގޯއްޗެވެ.
ބިންވެރިޔާގެ ސްކީމް ދަށުން މިދިޔަ ސަރުކާރުން ހުޅުމާލެެއިން ގޯތި ދިން ބައެއް މީހުންނަށް ވަނީ ކަޑަ ޖަހާ ބިންވެސް ހަވާލުކޮށްފައެވެ. އެހެންނަމަވެސް އެތަން ތަން އިމާރާތް ކުރަން ފެށިފައެއް ނުވެެއެވެ. ސަބަބަކީ އިމާރާތްކުރަން ހުއްދަދޭނީ ހުރިހާ ބީމެއް ދޫކޮށް ނިމުންކަމަށް އެޗްޑީސީން ބުނެފައިވުމެއެވެ.
އެޗްޑީސީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ޕްލޮޓްތަކުގެ ތެރެއިން ހަވާލު ނުކުރެވި ހުރި ޕްލޮޓުތައް ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް އެ ކުންފުނިން ބާރުދުވެލީގައި ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ރެ އާއި ދުވާލު ކުރަމުން އަންނަކަމަށްވެސް އެޗްޑީސީން ބުނެއެވެ. ސާފުކުރަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ބިން ހަވާލުކޮށްފައިވާސަރަހައްދުތައްވެސް ހިމެނޭކަމަށް އެޗްޑީސީން ބުނެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރިއިރު ބައެއް ގޯތި މަގުތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހޮޅި ފަދަ ތަކަތި ހިމޭނޭ ސަރަހައްދުތަކަށް އަރާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެހެންކަމުން އެ މަގުތަކާއި ފައިޕްލައިންތައް އެހެން ދިމާތަކަށް ބަދަލުކުރަމުން އަންނަކަމަށްވެސް އެ ކުންފުނިން ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ.
އެޗްޑީސީގެ މިވާހަކަތަކަށް ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ ރައްދުދެއްވާފައެވެ. އަކްރަމް ވިދާޅުވީ އޭރުވެސް ބިންތައް ދޫކުރީ އެޗްޑީސީން ދިން ލޭންޑްޔޫޒް ޕްލޭނަށް ބަލައިގެންކަމަށާއި ބިމުގެ އަޑީގައި ހުރީ ކޮންޗެއްކަމެެއް މިނިސްޓްރީއަށް ނޭނގޭނެ ކަމަށެވެ.
ބިންތައް ދޫކުރުމަށް އެތަން ތަން ސާފުކުރަމުން ދާކަން އެޗްޑީސީން ބުނާއިރު ބިން ދޫކުރުމުގެ މަރުހަލާގައި ހިންގާފައިވާ ހުރިކަމަށް ބުނާ ކަންތައްތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންނަނީ ބަލަމުންނެވެ.
މިދިޔަ ސަރުކާރުން ދޫކުރި ފެލްޓްތައްވެސް މިހާތަނަށް ދޫކޮށްފައި ނުވަނީ އެ މައްސަލަ އޭސީސީން ބަލާ ނިންމުމުން ނޫނީ ދޫނުކުރާން ސަރުކާރުން ނިންމުމުންނެވެ.