ads
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު - ފޮޓޯ: ފެނަކަ
ފެނަކައިގެ ކުރީގެ މެނޭޖްމަންޓުގެ މައްސަލަތަކެއް އޭސީސީއަށް
ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި-ކޮރަޕްޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މުއާޒު ވިދާޅުވީ ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް މިދިޔަ ސަރުކާރުގައި ފެނަކަ ކުންފުނިން ޕްރޮޖެކްޓްތަކެއް ހިންގިކަމުގެ މައްސަލަތަކެއް އޭސީސީއަށް ލާފައިވަ ކަމަށާއި، މި ޕްރޮޖެކްޓުތަކަކީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ޕްރޮޖެކްޓްތަކެއް ކަމަށެވެ. އަދި އެއީ ބީއޯކިއު އާއި މާކެޓުގައި މި މަސައްކަތްތައް ކުރެވޭނެ އަގަށް ވެސް ބެލުމެއްނެތި ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މަގާމުގެ ނާޖާއިޒު ފައިދާ ނަގާ، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ވާނީ ހުށަހަޅާފައި. މި ޕްރޮޖެކްޓްތަކުން ފެނަކައަށް ވަނީ އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައި،" މުއާޒު ވިދާޅުވި އެވެ.

މުއާޒު މީގެކުރިން ވިދާޅުވެފައި ވަނީ ފެނަކައާ މި ސަރުކާރުން ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏަކާ އެކު ކަމަށާއި ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހޭދަކުރަންޖެހޭ ކަމަށެވެ. އަދި ފެނަކައިގައި 8،000 މުވައްޒަފުން ތިބި ކަމަށާއި ކުންފުނި އޮތީ ބަނގުރޫޓްވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ކުންފުނީގައި މިވަގުތު 502 ޖެންސެޓް ބޭނުން ކުރަމުން އަންނަ ކަމަށާއި އެ ޖެންސެޓް ތެރެއިން 302 ޖެންސެޓް މިވަގުތު ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މުއާޒު ވިދާޅުވީ ޖެންސެޓްތައް މަރާމާތު ކުރުމަށް 100 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް އޮތް އިރު، ފެނަކައިގެ އަމިއްލަ ސާވިސް ސެންޓަރެއްހާ ހިސާބު ވެސް ނެތް ކަމަށެވެ. ޓްރާންސްޕޯޓާއި ލޮޖިސްޓިކްގެ ނަމުގައި ވެސް ފެނަކައިން ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށާއި ކޮންމެ އަހަރަކު 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. ނަމަވެސް ފެނަކައިގައި އަމިއްލަ ދޯންޏެއް، ލޭންޑިން ކްރާފްޓެއް ވެސް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް