ads
ފުލުހުން އެފްއޭއެމްގައި- ފޮޓޯ މިހާރު ފޭސްބުކް
އެފްއޭއެމްގެ މަނީ ލޯންޑްރިންގ މައްސަލަ އަވަސްކުރަނީ
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހްގީގު އަވަސްކުރަން ޕީޖީ އޮފީހާއި ފުލުހުން މަސައްކަތް ފަށައިފިއެވެ.

ފީޖީ އޮފީހުން މިއަދު ބުނީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވިގެން، ޕްރޮސިކިއުޓަރ ޖެނެރަލް އަމުރު ކޮށްގެން ދިވެހި ފުލުހުންގެ ތަހުގީގު ކުރަމުން ގެންދާ މައްސަލައިގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުންނާ މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލު ކުރެއްވި ކަމަށެވެ.

މިބައްދަލުވުމުގައި، އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މިމަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، މިމައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި މިމައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ. އަދި ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް އަވަހަށް ފޮނުވުމަށް އެއްބަސްވެވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް