މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އޮސްޓްރޭލިޔާގެ މޫސުމީ ބަދަލުތަކާ ބެހޭ އެމްބެސެޑަރ ކްރިސްޓިން ޓިލޭ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުވުން އޮތީ ފޮރިން މިނިސްޓްރީގައި އެވެ.
މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
އަދި ދެ ގައުމު ގުޅިގެން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ.
ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް ފާހަގަކުރައްވާފަ އެވެ.
އެގޮތުން ރާއްޖެއަކީ 33 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ހެދުމަށްކުރާ މަސައްކަތާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫއު ފާހަގަކުރެއްވި އެވެ.
މޫސާ ޒަމީރު ވަނީ މޫސުމަށް ނާޒުކު ޤައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ފަންޑު ހޯދުމަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ ފަންޑު ހަމަޖައްސައިދޭ އިންސްޓިޓިޔުޝަންސްތައް މެދުވެރިކޮށް ފަންޑު ހޯދުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާއި އިތުރު ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެ އެވެ.