މާދަމާގެ ހަވީރު 17:00 އިން ރޭގަނޑު 20:00 ގެ ނިޔަލަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އެޗްޕީއެއް ވަނީ އަންގާފައެވެ. އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެކަމާ ގުޅިގެން ފެން ޑެލިވާ ކުރުމުގައި ދަތިތަކާ ކުރިމަތި ވެދާނެތީ ގިނަ ބަޔަކު ކަންބޮޑުވާނެ ކަން ޔަގީނެވެ. ނަމަވެސް ރާއްޖޭގައި ފެން އުފައްދާ ކުންފުނިތަކުން ބުނަނީ އެކަމަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަވަމުން ތާޒާ ކުންފުނިން ބުނީ މިދަނޑުވަޅުގައި އެކުންފުނިން ފެން ލިބުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ. އެގޮތުން ކުރިއެކޭ އެއްގޮތަކަށް ފެން ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނީ ޑިލިވާ ކުރުމުގައި ވެސް އެއްވެސް ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށެވެ.
ލައިފް ފެން އުފައްދާ ކުންފުނި ކަމަށްވާ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރު އަލީ އިހުސާން ވިދާޅުވީ ފެން ލިބުމަށް އަދި އުފެއްދުމަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އިން އަންގާފައިވާ ގަޑިތައް ކަމަށްވާ 17:00 އިން 20:00 އަކީ އެންމެ ޕީކްކޮށް އެކުންފުނިން ފެން ޑެލިވާ ކުރުމުގެ މަސައްކަތުގައި އުޅޭ ވަގުތު ކަމަށެވެ.
އެގޮތުން އެކަމާ ގުޅިގެން އެޗްޕީއޭ އާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް އިހުސާނު ވިދާޅުވިއެވެ. އަދި އެޗްޕީއޭ އިން އެވަގުތުތަކުގައި ފެން ޑެލިވާ ކުރަން ހުއްދަ ނުދިން ނަމަވެސް، ފެން ޑެލިވާ ކުރުމަށް އެހެން ވަގުތެއްގައި އިތުރު މުވައްޒިފުން އަދި ވެހިކަލް ހަމަޖައްސައިގެން ނަމަވެސް ފެން ޑެލިވާ ކޮށްދޭނެ ކަމަށެވެ.
ހޭންޑީ ވޯޓާގެ ފަރާތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ޖެނަރަލް މެނޭޖާ މުހައްމަދު ސުޖާއު ވިދާޅުވީ އެކުންފުނިން ވެސް ފެން ލިބުމަށް އަދި އުފެއްދުމަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.
އޭގެ އިތުރުން އެކުންފުނިން ފެން ޑެލިވާ ކުރަމުން އައީ ހެނދުނު 09:00 އަކުން އިރުއޮއްސި 18:30 އަށް ކަމަށާއި އެޗްޕީއޭ އިން އެންގި އެންގުމާ ގުޅިގެން އެވަގުތު 09:00 އިން 17:00 އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ސުޖާއު ވަނި ވިދާޅުވެފައެވެ.
އޭގެ އިތުރުން ފެން ބޭނުންވާ ފަރާތްތަކުން ހެނދުނު ގުޅުމަށް ވެސް ސުޖާއު ވަނީ އިލްތިމާސްކުރައްވާފައެވެ.
މާލޭ ސަރަހައްދުގައި މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތު ކަނޑައެޅުމުގެ އިތުރުން އެޗް.ޕީ.އޭގެ ޑިރެކްޓާ ޖެނެރަލް ވަނީ މާލޭގައި ވިޔަފާރި ކުރުމަށް ހުއްދަދެވިފައިވާ ގަޑިތަކަށާއި އިމާރާތް ކުރާ ގަޑިތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް ނިންމަވާ، އެގަޑިތައް ވެސް އިއުލާން ކުރައްވާފައެވެ.