އަސްލަމް މިފަދައިން ވިދާޅުވީ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސް ހިމެނޭ އިންޓަ ޕަލިމަންޓޭރިއަން ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ތަގުރީރުކުރައްވަމުންނެވެ.
އަސްލަމް ވިދާޅުވީ ރާއްޖެއަށް ސުލްހަ މާނަ ކުރުމުގައި ތިމާވެށީގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭ ކަމަށެވެ. ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގައި ރާއްޖޭގެ ހިއްސާ ކުޑަނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބެމުން ދާކަން އަސްލަމް ފާހަގަކުރެއްވި އެވެ.
ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައްވަމުން އަސްލަމް ދެން ވިދާޅުވީ ޓެރަރިޒަމާއި, މަސްތުވާތަކެތީގެ މައްސަލައިގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން މަދުވުމުގެ މައްސަލައަށް ވެސް ހައްލު ބޭނުންވާ ކަމަށެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %49 އަންހެނުން ހިއްސާކުރާއިރު، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނޭ އަންހެން މެންބަރުންގެ ނިސްބަތަކީ އެންމެ %5 ކަމަށާއި، އަންހެނުން މަޖިލީހުގައި ތަމްސީލުވާ މިންވަރު ދަށްވުމަކީ ކަންބޮޑުވުމެއްކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް މިހާރަށްވުރެއް ބޮޑަށް ހިތްވަރުދީ، ފުރުސަތު ފަހިކޮށްދިނުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސް ހިމެނޭ އިންޓަ ޕަލިމަންޓޭރިއަން ޔޫނިއަންގެ 148 ވަނަ އެސެމްބްލީގެ މިއަހަރުގެ ޝިއާރަކީ "ޕާލިމަންޓްރީ ޑިޕްލޮމެސީ: ބިލްޑިން ބްރިޖެސް ފޯ ޕީސް އެންޑް އަންޑަސްޓޭންޑިން" އެވެ.
މިމަހުގެ 23 އިން 27 އަށް ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދާ މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގަތީ މިމަހުގެ 23 ވަނަ ދުވަހުއެވެ.