ވަޒީރު ގައްސާން މިހެން ވިދާޅުވީ މި ސަރުކާރުން ގެނައި ޑްރޯންތަކުގެ މައްސަލާގައި އިއްޔެ މަޖިލީހުގައި މެމްބަރުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ގައްސާން ވިދާޅުވީ ވިދަޅުވީ ރާއްޖޭގެ ސިއްރުތައް ހިފައްހައްޓަން ގާނޫނެއް އޮންނަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ މި ގާނޫނު އޮންނަންޖެހޭނީ ކްލެސިފިކޭޝަން ލެވެލްތަކެއް ހިމަނައިގެންކަމަށާއި ސަބަބަކީ ދައުލަތުގެ އެކިވަރުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ކަށަވަރުކުރުންކަމަށެވެ. އަދި ދައުލަތުގެ ސިއްރުތައް ހާމަކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަންޖެހޭކަމަށްވެސް ގައްސާން ވިދާޅުވި އެވެ.
އެ ނިޒާމުގެ ތެރެއިން ސިއްރުތައް ހާމަކުރުމަކީ ޖިނާއީ ކުށެއްގެ ކަމުގައި ކަނޑައަޅާ، އެ ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ޒިންމާދާރު މީހުންނާއި ހަވާލުކުރަންޖެހޭ. އެކަހަލަށް ނިޒާމެއް ގާއިމުކުރުމަށް އަޅުގަނޑަށް ލިބުނު ފުރުސަތުތަކުގައި ވަނީ 241 ކޮމެޓީއާ މަސްވަރާކޮށްފައި." ގައްސާން ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ އެ ފަދަ ނިޒާމެއް އެކުލަވާލުމުން ދައުލަތުގެ ސިއްރު މައުލޫމާތުތައް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި ރައްޔިތުން މަޖިލިސްއާ ސަރުކާރާ އަބަދުވެސް ހިއްސާކުރެވިގެން ދާނެކަމަށެވެ. އަދި އެކަން އޭރު ވަނީ ސިޔާސީ ބޭނުމަށް ދައުލަތުގެ ސިއްރުތައް ހާމަކުރުން ހުއްޓުވުމަކަށްވެސް ގައްސާން ވިދާޅުވި އެވެ.
ދިފާއީ ވަޒީރު ގައްސާން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް ތުރުކީން ޑްރޯން ގެނައުމަށް އެކުލަވާލި އެއްބަސްވުން ހާމަނުކުރީ ގައުމަށްޓަކައިކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވިދާޅުވަމުން ގެންދެވީ ސަރުކާރުން އެކި ފަރާތްތަކާއި އެކު ހަދާ އެއްބަސްވުންތަކުގައި ރައްޔިތުންނަށް ފޮރުވަންޖެހޭ އެއްޗެއް އޮވެގެން ނުވާނެކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފޮރުވަންޖެހޭ އެއްވެސް އެއްބަސްވުމެއް ނުވަތަ ކަމެއްވެސް ނޯންނާނެކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕެއިން ޖަލްސާތަކުގައި މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.