މިއަދު މިކަން ފެށުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު މިކަން ކުރާނީ އެމްޑަބްލިއުއެސްސީ އާއި ގުޅިގެން ކަމަށެވެ.
ފަޒުލް ވިދާޅުވީ ކުރިޔަށް އޮތް 3 ހަފްތާތެރޭގައި ހޮޅިތައް ބަދަލުކޮށް ދެން ކުރިޔަށް ގެންދާނީ މަގުތަކުން ތާރު ކަނޑަން ޖެހޭ ތަންތަނުން ކެނޑުމުގެ މަސައްކަތް ކަމަށެވެ.
މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ކުރިޔަށް 3 ހަފްތާގެ ތެރޭގައި ހުރިހާ ގޯތިތަކަކުން ހޮޅިތައް ބަދަލުކޮށް އަނބުރާ އެޗްޑީސީއާއި ހަވާލުކުރާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށް އެ ބަދަލު ކުރަން 200 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކި ކުރަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވެފައިވަނީ ފެނާއި ނަރުދަމާ އާއި ބައެއް މަގުތަކަށް ހުރަސް އެޅޭ ގޮތަށް ގޯތި ދޫކޮށްފައި ވަނީ އަށް ސަރަހައްދެއްގައި ކަމަށެވެ.
އެގޮތަށް 150 އެއްހާ ބިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަތައް ހުރި ކަން ކުރީ ސަރުކާރަށް ވެސް އެނގޭ ކަމަށާއި އެކަން ހައްލު ކުރަން 200 މިލިއަން ހަރަދުވާނެ ކަމަށް އޭރު ވެސް އެޗްޑީސީން ސަރުކާރަށް ދަންނަވާފައި އޮތް ކަމަށް ފަޒުލް ވިދާޅުވި އެވެ.
މި މައްސަލަތައް ހައްލު ކޮށްގެން މަސައްކަތް ނިންމާކަށް މާ ގިނަ ދުވަހެއް ނުނަގާނެކަމަށާއި އުނދަގޫ ވާނީ ރީޑިޒައިނިން އާއި އެއަށް ދާ ހަރަދު ކަމަށް ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައި ހުރި ސަރަހައްދުތަކުން ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަދެ އެވެ.
މިހާރު ވެސް އަށް ފަރާތަކުން އިމާރާތް ކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށާއި އެ މަރުހަލާތައް މިހާރު އިތުރަށް ފަސޭހަ ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް މިހެން ވިދާޅުވާ އިރު ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ ހުޅުމާލެއިން ގޯތި ދޫކޮށްފައި ވަނީ އެޗްޑީސީން ތައްޔާރުކޮށް ދިން ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ކަމަށެވެ.