ads
އަލް އަޤްޞާކައިރީ އިޒްރޭލު ސިފައިން ހަތިޔާރާއެކު
މުސްލިމުންގެ ހިތްތަކުގައި އަލްމަސްޖިދުލް އަގްޞާއަށް ވަނީ މަތިވެރި މަގާމެއް ދެވިފައި
އަލްމަސްޖިދުލް އަގްޞާއަކީ، މުސްލިމުންގެ ފުރަތަމަ ގިބްލައެވެ. ހިޖުރަ ކުރެއްވުމަށް ފަހުގައި ވެސް ސޯޅަމަސް ދުވަސް ވަންދެން (އެބަހީ: ކަޢްބަތުﷲ ގެފުޅަށް ގިބްލަ ބަދަލުކުރައްވައިފުމަށް ދާންދެން) އަލްމަސްޖިދުލް އަޤްޞާ އާ ދިމާއަށް ކުރިމަތި ލައްވާ ހުންނަވާ މާތް ނަބިއްޔާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި އެންމެހާ މުސްލިމުން ނަމާދު ކުރެއްވި އެވެ. އެހެންކަމުން މުސްލިމުންގެ ހިތްތަކުގައި އަލްމަސްޖިދުލް އަގްޞާއަށް މަތިވެރި މަގާމެއް ވަނީ ދެވިފައި އެވެ،

މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ބިނާތައް ކަމަށެވެ. އަދި މިސްކިތްތަކުގެ ތެރެއިން ވެސް މާތްﷲގެ ހަޟްރަތުގައި ވަކިން މާތްކަން ބޮޑުވެގެންވާ ތިން މިސްކިތަކީ، މައްކާގައިވާ މަސްޖިދުލް ހަރަމްއާއި، އަލްމަދީނަތުލް މުނައްވަރާގައިވާ މަސްޖިދުންނަބަވީ އާއި، ފަލަސްތީނުގެ ގުދުސްގައިވާ އަލްމަސްޖިދުލް އަގުޞާއެވެ.

އެހެންކަމުން އަލްމަސްޖިދުލް އަގުޞާ މިނިވަން ކޮށް، ފަލަންތީނުގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް އަނބުރާ އިޔާދަ ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރުމަކީ މުސްލިމް ގައުމުތަކުގެ ސަރުކާރުތަކާއި، ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމަށް ޚުތުބާގައި ބުންޏެވެ.

your imageއަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަންނަ ގޭޓު ކައިރީގައި ބަޔަކު މަޑުކޮށްގެން - ފޮޓޯ/ ރޮއިޓާސް

މިއަދު އަލްމަސްޖިދުލް އަގުޞާއާއި އެ މިސްކިތް ހިމެނޭ ބިން، އަލްޤުދުސް އެވަނީ، ޒަޔަނިސްޓު ޔަހޫދީންގެ އިސްތިއުމާރުގެ ދަށުގައި އެވެ. އެތަނުގެ ހުރުމަތް ކަނޑައި، އެތަން ތަޅާލުމަށްޓަކައި، އަނިޔާވެރި އެތައް އަމަލެއް ހިންގަމުން ގޮސް ޔަހޫދީން މިހާރު މަސައްކަތް ކުރަނީ ފަލަސްތީނީންގެ ނަސްލު ނައްތާލުމަށެވެ.

އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ހައްގެކެވެ. މިހެންކަމުން އެ ބިމަކީ ޔަހޫދީންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީހީ ގޮތުން ވެސް، އަދި ދީނީ ގޮތުން ވެސް ކަނޑައެޅޭކަށް ނެތެވެ.

އަލްޤުދުސަކީ ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި، އެކަލޭގެފާނު ވެރިކަން ކުރެއްވި ރަށްކަމަށެވެ. އަދި އެއީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން، ސަލާމްލެއްވި ސުލައިމާން ޢަލައިހިއްސަލާމް ވެރިކަން ހިންގެވި މާތް ބިމެވެ. ފަލަސްތީނުގައިވާ އަލްޤުދްސަކީ ސަލާމްލެއްވި އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑެވެ. އެހެންކަމުން އެބިމަކީ ޔަހޫދީންނަށް ގެދޮރު އަޅައިދީ، އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއުތައް މިހާރު ހިންގަމުން ދިޔަ ނަމަވެސް ޒަޔަނިސްޓުންގެ ބިމެއްގެ ގޮތުގައި ތާރީހީ ގޮތުންނާއި ދީނީ ގޮތުން ވެސް ކަނޑައެޅޭކަށް ނެތެވެ.

your imageޣައްޒާގެ ރައްޔިތުން ހައިހޫނުކަމުގެ ވޭނުގައި ކާބޯތަކެއްޗަށް ސަލާމްޖަހައި އާދޭސް ކުރަނީ

ފަލަސްތީނުގެ މުސްލިމުންނަށް ކުރިމަތިވެފައިވަ ދަތި ހާލާއި މިހާރު އެގައުމުގައި ހިނގާ ކަންކަމުގެ ވާހަކަތައް ޒުވާން ޖީލުތަކާ ހަމައަށް ގެންގޮސް، އަލް އަގުޞާ ފަދަ މުގައްދަސް ތަންތަނުގެ ހިމާޔަތުގައި ތެދުވަން ކެރޭ ބަޔަކަށް ޒުވާނުން ހެދުމަށް މިއަދުގެ އިސްލާމީ ދައުލަތްތަކުންނާއި ތައުހީދުގެ އިމާމުން މަސައްކަތް ކުރަންޖެހެ އެވެ.

މަސްޖިދުލް އަގުޞާ އާއި ފަލަސްތީނުގެ މުގައްދަސް ބިންތައް ހިމާޔަތް ކުރުމަށް ރަސޫލާގެ ލޮބުވެތި ސަހާބީން ޖާނާއި މާލުން ގުރުބާންވެ ވަޑައިގެންފައި ވާކަން އިސްލާމީ ތާރީހުން ފެނެއެވެ. އަދި އިސްލާމީ އިލްމުވެރިން އެބޭފުޅުންގެ އަޑުފުޅުތައް އުފުއްލެވި ކަމަށާއި މުސްލިމް ކޮމާންޑަރުން، ސަލީބީންގެ އަތްދަށުން ފަލަސްތީނުގެ މުގައްދަސް ބިން މިނިވަން ކޮށްދެއްވި ޖޯޝީ ވާހަކަތައް ސިލަބަހަށް ތިލަވާން އެބަޖެހެ އެވެ. 

މިއީ، ޣާފިލްކަމުގެ ނިދިން ހޭލަންވީ ވަގުތެވެ. އަދި ހާލުގައި ޖެހިފައިވާ، ހުވަފަތް އަންހެނުންނަށާއި، ޅަދަރިންގެ ނުކުޅެދުންތެރިކަމާއި، އެ މީހުންގެ ބޯމަތިން ކެނޑިނޭޅި އުދުހެމުންދާ، ރޮކެޓުތަކުގެ ބިރުވެރިކަން އިހުސާސް ކުރެވޭ ކޮންމެ މުސްލިމަކު އެމީހުންގެ ދިފާއުގައި ތެދުވަންވީ ވަގުތެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 32،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މުސްލިމުންނަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެ މީހުންނަށް އެހީތެރި ވުމަކީ މުސްލިމް އުންމަތުގެ ވާޖިބެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް