ގްރޫޕް އޭގެ މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސިފައިންގެ ކުލަބުންނެވެ. 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ސަމަދެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޮލިސް ކުލަބުން ވަނީ އަޙްމަދު ޝާހިދުގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ.
ސިފައިންގެ ކުލަބުން އަލުން ލީޑު ނެގީ، މެޗުގެ 47 ވަނަ މިނެޓުގައި އަޙްމަދު ފަޒަލްއެވެ. ފަޒަލްވަނީ ފަހުން އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގައި ޕޮލިސް ކުލަބުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އަންދާޒް މުޙައްމަދެވެ.
މި މެޗުން ސިފައިންގެ ކުލަބު މޮޅުވެ އެ ޓީމު އޮތީ ގްރޫޕް އޭގެ ދެވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބުން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. މި ގްރޫޕުން ސެމީގެ ޖާގައަކަށް ވާދަކުރަމުން އަންނަ ހުއްރިއްޔާ ސްޕޯޓްސް ކުލަބު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.