ބްރެޒިލްއަށް 48 ފަހަރު ކުޅުނު އުމުރުން 26 އަހަރުގެ ކުޅުންތެރިޔާވަނީ ގަތަރު ވޯލްޑްކަޕަށް ފަހު ނަފްސާނީ އެހީތެރިކަން ހޯދާފައެވެ. އޭނާ ވަނީ ނަފްސާނީ ސިއްހަތުގެ މައްސަލަތަކުގައި އެހީ ހޯދުމަށް ކުޅުންތެރިންނަށް އިލްތިމާސްކޮށްފަ އެވެ.
ބްރެޒިލްގެ ފޯވާޑް ރިޗާލިސަން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަތުން ކުއާޓާ ފައިނަލުގައި ގައުމު ބަލިވުމުން ޑިޕްރެޝަން ތަހައްމަލުކޮށް ފުޓްބޯޅަ ދޫކޮށްލުމަށް ވިސްނާފައިވާ ކަމަށް ބުނެފަ އެވެ. މި ވާހަކަތައް ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ރިޗާލިސަން ފަރާތުން އައީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން ބޮލީވިއާ އަތުން 5-1 އިން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދިޔައިރު ރޮމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކަށް ފަހުއެވެ.